މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެއްވަންޖެހޭ 11 މިލިއަން ރުފިޔާ ނުދެއްވަނީ ކީއްވެތޯ އައްސަވާ ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.
ޖާބިރު މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަން ދިން ފުރުސަތުގައެވެ.
ދަރަނި ދެއްކުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އޭނާގެ އަތުން ގާސިމް ގާސިމް 11 މިލިއަން ރުފިޔާއެއް ނެންގެވި ކަމަށާއި އެ ދެއްވަން ގާސިމް އަރިހުގައި ދަންނަވާ ދަންނަވާ ވެސް ގާސިމަށް އަޑު އިވިވަޑައިނުގެންނެވި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އެ 11 މިލިއަން ރުފިޔާ ދެއްވީ ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މެދުވެރިވެގެން ކަމަށް ޖާބިރު ވިދާޅުވެއެވެ.
އެހިސާބުން ޖާބިރުގެ ވާހަކަ މެދުކަނޑާލައްވަމުން ނަޝީދު ވިދާޅުވީ، އަމިއްލަ މަސްލަތާ ގުޅުން ހުންނަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަމަށެވެ. އެހެންކަމުން އަމިއްލަ މަސްލަހަތުތަކުގެ ވާހަކަ ޝަރުއީ ކޯޓުތަކުގައި ކުރިއަށް ގެންދެވުމަށް ނަޝީދު އެދިވަޑައިގަތެވެ.
މީގެ ކުރިން ވެސް ޖާބިރު ވަނީ އޭނާގެ އަތުން ގާސިމް 6 މިލިއަން ރުފިޔާއެއް ނަންގަވާ، އެ ފައިސާ އަނބުރާ ނުދެއްވައިގެން ފައިސާ ހޯދުމުގެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ. މީގެ އިތުރުން އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާއެއް ނެންގެވި ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެކަމަށް މައުމޫން އިންކާރު ކުރެއްވި ނަމަވެސް ގާސިމް އަށް ކުރައްވާ ތުހުމަތު އޭނާ އިންކާރު ކުރައްވާފައެއް ނުވެއެވެ.