ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަސީލަތްތައް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއްފަދައިން އެކަށޭނަ ގާބިލު މީހުން އުފެއްދުމަށް އިސްކަންދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމްއައިއެލްޖީ) ރަސްމީގޮތުން އިފުތިތާހުކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ނައިބު ވަނީ މި ސަރުކާރަކީ އެއްތަނަކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކަށް ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ހިދުމަތްތައް ފަސޭހަކޮށް ލިބޭގޮތަށް މަގުފަހިކޮށްދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުންކަން ފާހަގަކުރައްވާ ލާމަރުކަޒީ ނިޒާމަށާއި ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެކަންކަމުގައި ހޯދުނު ކުރިއެރުންތައް ނައިބު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އިފުތިހްކުރި އެމްއައިއެލްޖީ އަކީ ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި އެތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ފެންވަރު ރަނގަޅު ތަމްރީނުތައް ހިންގުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސްގެ ވެބްސައިޓް ވެސް އިފުތިތާހްކޮށްދެއްވާފައެވެ.