ހަނގާކުރުން ހުއްޓުވޭނީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދީގެން ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަހުލާގީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ގަބޫލުކުރެވިގެން ކަމަށާއި މިގޮތުން ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން ނައިބު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، ނައިބު ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ.

ނައިބު ވަނީ ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމައުގެ އެންމެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 23އަށް، އެއްމަސް ދުވަހުގެ މިހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެންނެވެ.