ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކުރި ފިލިޕް ލައުރެއްލާ މަރުވެއްޖެއެވެ.
ޓީވީއެމްގެ ކުރީގެ ޕްރެޒެންޓާ އަދި ފިލިޕް ލައުރެއްލާގެ ދަރިފުޅު ލީޒާ ލައުރެއްލާ މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ބައްޕަ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފްރާސްގެ ސެއިންޓް އޭން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވާ ކަމަށެވެ. އަދި މިދަތި ދަނޑިވަޅުގައި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ލިބުނު މެސެޖްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ފިލިޕް ލައުރެއްލާ ރާއްޖެ އައިސްފައި ވަނީ 1978 ގެ ކުރިންނެވެ. ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއައި ފިލިޕް ވަނީ ނ ވެލިިދޫ މީހަކާ ކައިވެނިކޮށް ރާއްޖެ ބަދަލުވެފައެވެ. އަދި 2000 ގެ އަހަރުތަކުގެ ތެރޭގައި އެ އަންހެން މީހާ މަރުވުމާ ހަމައަށް ފިލިޕް ދިރިއުޅެފައި ވަނީ ނ ވެލިދޫގައެވެ. ރާއްޖެއަށް ދިރިއުޅެން ބަދަލުކޮށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިލިޕް ވަނީ އޭނާގެ ސަފާރީ 'ބަރާބަރު' ބަނދެފައެވެ.
45 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ހޭދަ ކުރި ޕިލޕް ވަނީ ސަފާރީ ޓޫރިޒަމް ކުރިއެރުވުން، ކަނޑު އުޅަނދުތައް ފަރުމާ ކުރުން، ރެސްޓޯރެންޓް ވިޔަފާރި ދާއިރާގެ އިތުރުން ކުރެހުމުގެ ދާއިރާ ކުރިއެރުވުމަށް ވެސް ރާއްޖެގައި މަސައްކަތް ކޮށްފައެވެ.
ފަހުގެ ތާރީހެއްގައި ފިލިޕް މީހުންނަށް އެނގެން ފެށީ އޭނާގެ ކުރެހުމުގެ ހުނަރުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު 'ސާޗިން ފޮ ލޮސްޓް ޓައިމް'ގެ ނަމުގައި ފިލިޕް ވަނީ މާލޭގެ އާޓް ގެލަރީގައި އޭނާގެ ކުރެހުންތައް ދައްކާލައިފައެވެ. އޭނާގެ ކުރެހުންތަކުން ރާއްޖޭގެ މޫދާއި ރަށްފުށުގެ ދިރިއުޅުން ވަނީ ދައްކާލާފައެވެ.
"ސާޗިން ފޯ ލޮސްޓް ޓައިމް" މައުރަޒަށް ކިޔުނު ސަބަބު ބަޔާން ކުރަމުން އޭނާ ބުނީ މި ގައުމަށް އައީ ރާއްޖެއަށް އޮންނަ ވަރަށް ބޮޑު ލޯތްބެއްގެ ސަބަބުން ކަމަށާއި ނަމަވެސް މިހާރު މި ގައުމު ތަރައްގީވެ، ވަރަށް ބޮޑަށް ބަދަލުވުމާ ގުޅިގެން އައި ބަދަލުތަކަކީ އެހާ ކަމުދާ ބަދަލެއް ނޫން ކަމަށެވެ. މި މައުރަޒަށް އެ ނަން ކިއީ އެ ސަބަބާހުރެއެވެ.