މި ފަހުން ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދީ، މާލޭގައި ހިންގާފައިވާ މާރާމާރީތަކުގެ މައްސަލަތައް މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިފައިވާ ކަމަށާއި، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލަތަކާ ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމަ ނުކުރެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ މައްސަލަތަކާ ގުޅޭ މީހުން ހައްޔަރުކުރުމުން މައުލޫމާތު ހިއްސާކުރާނެ ކަމަށާއި، މައްސަލަތައް ތަހްގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ކޮމިޝަނަރާ ގުޅުމުން އަދި ސުވާލުކުރުމުން މި ނޫހަށް ޖަވާބު ދެއްވާފައި ނުވެއެވެ.

ނަމަވެސް ބައެއް މީޑިއަަތަކަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ:

  • މިފަހުން ހިންގި މާރާމާރީތަކަކީ "ކުޑަހެންވޭރު" އަދި "އެންސީ" އާ ދެމެދު ހިންގާ މާރާމާރީތަކެއް ކަމަށް
  • ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކެފޭ ފުނޑާލީ މާލޭގެ އެހެން ދެ ގޭންގެއްގެ މެދުގައި އުފެދިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް

ހަމީދު ފާހަގަކުރެއްވި ގޮތުގައި، މި މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން ހަރަކާތްތެރިވަނީ ހެލްމެޓު އަޅައި، ސައިކަލުގެ ނަންބަރު ޕްލޭޓުތައް ބަދަލުކޮށްގެންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، 16 މީހަކު ހައްޔަރުކުރެވި، މައްސަލަތަކުގެ ތަހްގީގު ވަނީ ފަށާފައެވެ. އަދި މާރާމާރީތަކުގައި ބައިވެރިވާ ފަރާތްތައް ވަންނަ ހަތަރު "ސޭފްހައުސް" އެއް ފާސްކޮށް ހަތިޔާރު ހޯދާފައިވާ ކަމަށާއި، ގާނޫނުތަކުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ހެލްމެޓު އަޅައި، މޫނު ފޮރުވައިގެން ހަރަކާތްތެރިވާ ބަޔަކު ތިބިނަމަ، އެ ބައެއްގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ވެސް ހަމީދު އެދިވަޑައިގެންފައިވެއެވެ. ހަމަ އެއާއެކު، ގޭންގުތަކުގައި ހަރަކާތްތެރިވާ މެންބަރުންގެ އާއިލާތަކުން އެ މީހުންނަށް ނަސޭހަތްދީ، ވާހަކަ ދެކެވެން ޖެހޭ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ފިހާރައަކަށް ވަދެ، އުމުރުން 30 އަހަރުގެ މީހަކަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލުމުން، އޭނާ އަށް ލިބިފައިވާ އަނިޔާތަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ހާމަނުކުރިޔަސް، އެ ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހާލު ސީރިޔަސް ކަމަށާއި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.