ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިހާބުގައި މަސައްކަތް ކުރުމަށް ނިންމާ، ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މަޝްވަރާތަކަށް ފަހު އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ރައީސް ސޯލިހާއެކު ކުރިއަށްދާން ފާސްވެފައެވެ.

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި 36 މެމްބަރުން ބައިވެރިވިއިރު އޭގެ ތެރެއިން، ރައީސް ސޯލިހަށް ތާއިދު ކުރަން 34 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އެކަމާ ދެކޮޅަށް ދެ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްގީއާ ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީއޭގެ މި ނިންމުމާ ގުޅިގެން އެމްޑީޕީން ބުނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ދެއްވި ދައުވަތު ގަބޫލުކުރައްވާ ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން އެމްޑީއޭގެ މި ނިންމުމަކީ ރައީސް ސޯލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔުތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަމަށް ދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތާއީދު ހޯދުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް އެމްޑީޕީއަށް ތާއީދު ކުރާނެކަން އަދާލަތު ޕާތީން ވެސް ވަނީ އިއުލާން ކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ރައީސް ސޯލިހްގެ މަންދޫބުން ބައްދަލުކުރައްވާފައި ވާ އިރު، އަދި ޖުމްހޫރީ ޕާޓީގެ ނިންމުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެމްއާރްއެމުން ވަނީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެގައި ނެތުމުން ރާއްޖެ ވަޑައިގަތުމާއެކު އެމްޑީޕީއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.