އެމްޑީއޭއާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ކޯލިޝަން ހަދަން ހުށަހެޅި ޕާޓީތަކާއެކު ބައްދަލުކުރަން އެމްޑީއޭއިން ފަށާފައި ވާއިރު މިއަދު ހަވީރު ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ޖޭޕީ އިން ކޯލިޝަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމްއާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވާ ހައްދަވާ ކަމަށެވެ.

އެމްޑީއޭގެ ކައުންސިލުން ކޯލިޝަން ކޮމިޓީއެއް އެކުލަވާލައިފައި ވާއިރު އެމްޑީޕީ އިން ކޯލިޝަން ހެދުމަށްޓަކައި ހުށަހެޅި ދައުވަތާ ގުޅިގެން މިއަދު މެންދުރު ވަނީ، އެމްޑީޕީއާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

ޕީޕީއެމްގެ ބައްދަލުވުމަށް ފަހު މައުރޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންނާއެކު ހެދި ކޯލިޝަން ވަރަށް ފުރިހަމަކަމާއެކު 5 އަހަރަށް ގެމްދެވުނު ކަމަށާއި އޭގެ ފަހުން 2018 ވާދަނުކޮށް މަޑުޖައްސާލުމުން އެމްޑީއޭއަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ކޯލިޝަނެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ގައުމީ ކައުންސިލުން ނިންމާފައިވާ ކަމަށާއި މިއަދު ޕީޕީއެމްއާ ބައްދަލުކޮށް ވަރަށް ބިނާކުރެނިވި މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަކީ އުންމީދުކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ކޯލިޝަނަކަށް ދާނީ ރައްޔިތުންގެ މަސްލަހަތަށް ބަލާ، ގައުމާއި ދީނުގެ ހައްގުގައި މި ގައުމަށް އެންމެ ފައިދާވާ އަދި ގައުމު ހަމަ ހިމޭން މަންޒިލަކަށް ގެންދެވޭނެ ބަޔަކާއެކުގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭއަކީ ވަކި ނުވެވޭވަރުގެ ދެ ޕާޓީ ކަމަށާއި ރައީސް ޔާމީންގެ ފަސް އަހަރުގެ ކާމިޔާބު ވެރިކަމުގައި ވެސް މުހިއްމު އެއް ބައިވެރިއަކީ އެމްޑީއޭ ކަމަށެވެ. އަދި މިއަދު ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ދެ ޕާޓީއިންވެސް ދައްކަން ޖެހޭ ވާހަކަތައް ވަނީ ދެއްކިފައި ކަމަށެވެ.

މީގެ ކުރިން އެމްޑީއޭއާ ކޯލިޝަން ހަދަން މަޝްވަރާ ނުކުރެއްވީ އޭރު ސިޔާމް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވާތީ ކަމަށާއި ސިޔާމްއަކީ ވެރިކަން ކުރެއްވޭނެ ފަދަ ގާބިލު ބޭފުޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ސިޔާމް ވާދަނުކުރަން ނިންމެވުމާއެކު ޕީޕީއެމްއިން އެމްޑީއޭއާއެކު ކޯލިޝަން ހަދަން ޝައުގުވެރިކަން ފާޅުކުރީ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އުންމީދަކީ އެމްޑީއޭއާއެކު މަސައްކަތް ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް ފަހިވުމާއި ހިތް އުފާ ކޮށްދޭނެ ވަރުގެ ކޯލިޝަނަކަށް އެ ކޯލިޝަން ވެގެން ދިއުން ކަމަށެވެ.

އެ ބައްދަލުވުމުގައި ސުޖާއުގެ އިތުރުން މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ކ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.