އަންނަ ރިޔާސީ އިންތިހާބަށް އެމްޑީއޭގެ ފަރާތުން ވާދަ ނުކުރަން ނިންމައި ކޯލިޝަނަކަށް ދާން ނިންމާފައިވާ އިރު، ޕީޕީއެމް އަދި އެމްޑީޕީން ވެސް ކޯލިޝަން ހެދުމަށް ދައުވަތު ދީފައި ވާތީ އެކަމުގެ މަޝްވަރާ ބައްދަލުވުންތައް މިއަދު ފަށާނެ ކަމަށް އެމްޑީއޭ އިން ބުނެފިއެވެ.
އެމްޑީއޭއިން އިން ބުނީ، ޕީޕީއެމްގެ ފަރާތުން ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށް ދައުވަތުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވެސް ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ވާ ކަމަށް މީގެ ކުރިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްޑީއޭ އިން ވަނީ ބުނެފައެވެ.
އެހެންކަމުން ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ފަރާތްތަކާ އެކު މަޝްވަރާ ފެށުމަށް އެ ޕާޓީން ކޮމިޓީއެއް އެކުލަވާފައިވާ އިރު، މިއަދު މަޝްވަރާ ބައްދަލުވުންތައް ފެށޭނެ ކަމަށް އެމްޑީއޭ އިން ބުނެއެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން ބުނީ، އެމްޑީއޭ އެކު ކޯލީޝަން ހެދުމަށް ބޭނުންވާތީ އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މިއަދު ހަވީރު 5 ޖަހާއިރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ.
އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް (ސަން ސިޔާމް) އަކީ މީގެ ކުރިން ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ ކުރިން ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވި ސިޔާމް މިފަހަރު ހައްދަވާނެ ގޮތް އަދި ސާފުނުވަ އިރު ސަރުކާރު ކޯލިޝަންގައި މިހާރު އޮތް އަދާލަތު ޕާޓީން ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާ އެއްކޮށް ކުރިއަށް ދިއުމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ތިބި ދެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެކަމަކު ޖުމްހޫރީ ޕާޓީ އާއެކު އެމްޑީޕީގެ ފަރާތުން ވަނީ ކޯލިޝަން ހެދުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
ޕީޕީއެމް އާއި އެމްޑީޕީއާ އަބަދުވެސް ވާދަވެރި ދެ ޕާޓީއަށް ވީ އިރު، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ ނިންމުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އޭމްޑީއޭގެ އިތުރުން ޕީޕީއެމް އިން ޖުމްހޫރީ ޕާޓީއާ އެކު ވެސް ކޯލިޝަން ހެދުމުގެ ވިސްނުމެއް ގެންގުޅޭ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތުވެފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނަށް ވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ ޕީޕީއެމާ އެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ.