ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސްއާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަޝަވަރާތަކަށް ފަހު ނިޒާމީ ވޯޓެއް ނެގުމާ މެދު އެމަނިކުފާނު އެއްބަސްވެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މާލޭގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްް އާ އެކު ކުރިއަށް ގެންދާ މަޝްވަރާގައި އެ ޕާޓީން ބާރު އަޅަނީ ނިޒާމު ކަަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަން ކަމަށެވެ. އެގޮތުން ޑިމޮކްރެޓްސްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25 ގައި އެ ވޯޓް ނަގަން ކަމަށާއި އެހެން ނަމަވެސް އެއީ އެހާ ޕްރެކްޓިކަލް ކަމެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެހެންވީމާ ރިޔާސީ އިންތިހާބު ނިމުމާ އެކީގައި އެކަން ކުރެވޭނެ [ވޯޓު ނެގޭނެ] ގޮތްތަކެއް ހޯދައިދީފައި އަޅުގަނޑު ބާއްވާނަމޭ، އެ ހުށަހެޅުން އަަޅުގަނޑު ހުށަހަޅާފައި އޮންނާނީ،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރިޔާސީ އިންތިހާޞުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ އެހާ ރަނގަޅުކަމެއް ގޮތުގައި ދެކެވަޑައި ނުގަނަންވާ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަދި އިންތިހާބު ނިމުމުން ނިޒާމީ ވޯޓު ނަގަން ތާރީހެއް ކަނޑައަޅަން އެއީ ރަނގަޅު ގޮތެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ނިޒާމީ ވޯޓު ބާއްވާނެ ތާރީހަކާ މެދު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ހަމައެއާއެކު ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގަރާރު ފާސްކޮށް، އެ ގަރާރު ފޮނުވުމުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިޒާމު ކަނޑައަޅާ ވޯޓު ވަކި ތާރީހެއްގައި ބާއްވަން އީސީއަށް ލިޔުމުން ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޑިމޮކްރެޓްސްގެ ޑިމާންޑާ އެއްގޮތަށް ރައީސް ކަން ކުރައްވަން އެއްބަސްވެ ވަަޑައިގެން ރައީސްގެ ހުށަހެޅުއްވުން އެ ޕާޓީއަށް ހިއްސާ ކުރެއްވި ފަހުން އަދި ޑިމޮކްރެޓްސް އިން ޖަވާބެއް ދީފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީއަށާއި ޕީއެންސީއަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ޕީއެންސީން ވަނީ ޑިމޮކްރެޓްސްގެ އެ ހުށަހެޅުމާ އެގޮތަށް އެއްބަސް ނުވެވޭނެ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ. އެ ފަހަރު ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ތާއީދުކުރި ނަމަވެސް، މިހާރު އެ ޕާޓީގެ ގިނަ އިސް ބޭފުޅުން ވަނީ ރިޔާސީ ނިޒާމު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.