ރޯދަ މަހަށް ހާއްސަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މުއިއްޒު ވިދާޅުވީ، ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވެސް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭތަނެއް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10 ވަރަކަށް ހާސް އާއިލާ ދިރިއުޅެމުން ދާކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ރޯދަ މަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށް ވާނެ ކަމަށާއި، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގެ ގޮތަށް އެކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ދުރާލާ މަސައްކަތް ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އެއިން އާމްދަނީއެއް ލިބޭގޮތަށް ކަމަށެވެ. މި ލޯކަލް މާރުކޭޓް ހިންގުމާ މެދުގައި މަޝްވަރާކުރަން ނިންމީ އެތަނުގައި ވަރަށް ގިނަބަޔަކު ދިރިއުޅޭތީ އާއި މިކަމަކީ އެ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ މި ހުށަހެޅުމަށް ތާއީދުކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ހުޅުމާލެ އަކީ އިހްތިސާސް ކަނޑައެޅިއިރު މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އިހްތިސާސީ ބާރުގެ ތެރޭގައި އޮތްތަނެއް ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެތައް ރައްޔިތުންނެއް ދިރިއުޅޭއިރު، މިފަދަ ޚިދުމަތެއް ފަސޭހަ ކަމާ އެކު ލިބޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިކަމާ ގުޅޭ މަޝްވަރާތައް އެޗްޑީސީއާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެފަރާތުންވެސް މިކަމަށް އެއްބާރުލުން ދޭނެ ކަމަށް ނުރަސްމީކޮށް ބުނެފައިވާ ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަކޮށް ރޯދަ މަހު މިފަދަ ބޭނުންތަކަށް ދުރަށްނުގޮސް މިކަން އިންތިޒާމް ކުރެވުމަކީ މާލެ ސިޓީ ކައުންސިލަށް ކޮށްދެވޭނެ ރަނގަޅު ކަމެއްކަމަށް ފެންނަ ކަމަށެވެ.