ބީއެމްއެލް އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އަދި އެ މައްސަލާގައި އެމްއެމްއޭއާއި ބީއެމްއިން ޖަވާބު ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ބީއެމްއެލް އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ގެއްލޭ ސްކޭމްތަކެއް ހިނގަމުންދާއިރު އެފަދަ ކަންކަމުގައި ބީއެމްއެލްއާއި ފުލުހުންގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

މި މަހުގެ ތެރޭގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ބީއެމްއެލްއިން ގެއްލުނު ބޮޑު ސްކޭމެއް ހިނގާފައިވާއިރު އެ ސްކޭމް ހިނގާފައިވަނީ ބީއެމްއެލް ކިއުއާރް ކޯޑް ބޭނުންކޮށްގެންނެވެ. އެ މައްސަލާގައި ދެ މީހުން ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

ބީއެމްއެލްގެ ކިއުއާރު ކޯޑް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ދާދިފަހުން ބަދަލު ގެނެސްފައި ވާއިރު މީގެ ކުރިން ވަކި ލިމިޓެއް ނެތި ކުރެވޭއިރު މިހާރު ވަނީ ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން މުއާމަލާތް ކުރެވޭނީ ދުވާލެއްގެ މައްޗަށް 10 މުއާމަލާތް ކަމަށާއި އެންމެ މަތީ އަދަދަކަށް މުއާމަލާތް ކުރެވޭނީ 750 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބީއެމްއެލްގެ ސްކޭމްތަކުގެ އަޑުތައް ގަދަވެފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގެ ޔޫޒާ ނޭމްއާއި ޕާސްވޯޑް ހޯދުމުގެ އިތުރުން އިންޓަނެޓް ބޭންކިންއަށް އެކްސެސްވެ، ފިހާރަތަކަށް ކިއުއާރް ޕޭމަންޓްތައް ހަދަމުން އަންނަކަން ފާހަގަކުރެވިފައި ވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް އާންމުން ސަމާލުވާން ޖެހޭ ކަމަށެވެ.

އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު، ނޮޓިފިކޭޝަން ކަސްޓަމަރަށް ލިބޭނެ ކަމަށާއި އެފަދަ ލޮގިންއެއް އެ ކަސްޓަމަރަކު ނުކޮށް ހުއްޓާ ނޮޓިފިކޭޝަން ލިބޭނަމަ، ވީހާވެސް އަވަހަކަށް އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ބަދަލުކުރަން ސައީދު ވަނީ އެދިފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގައި ދަނީ އެކި އުކުޅުތައް ބޭނުންކުރަމުން ކަމަށާއި، މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނައިރު ބީއެމްއެލްގެ ފަރާތުންވެސް މިކަން ކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒް ވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލާފައެވެ.