ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރިން ވިދާޅުވި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

މިއަދު އެމްޑީއޭ އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި، ދެ ކަމެއް ނިންމާފައިވެއެވެ. އެ ދެ ކަމަކީ:

  • ސިޔާމް ކުރިއަށް އޮތް އިންތިހާބުގައި ވާދަނުކުރައްވާނެ ކަން
  • އެހެންވެ ގައުމީ މަޖިލީހުން ނިންމީ ކޯލިޝަނެއްގައި އެމްޑީއޭ ކުރިއަށް ދިއުމަށް

"ދަ ޕްރެސް" އިން މިކަމާ ގުޅިގެން ސުވާލުކުރުމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ބަޔާނެއްގައި، ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ސިޔާމް ނިންމަވާފައިވާ ކަމަށެވެ.

"މިވަގުތަކީ އެންމެ މުނާސަބު ވަގުތެއް ނޫން ކަމަށް މި ރޭހުގަ ވާދަކުރަން، އެއީ ގައުމީ މަސްލަހަތު އިސްކޮށް ދުނިޔޭގެ ހުރިހާ ކަންކަމަށް ބަލައި ރާއްޖޭގެ އިގްތިސޯދާއި ރާއްޖޭގެ ހާލަތަށް ބަލާފަ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެމަނިކުފާނު ނިންމެވީ،" މައުރޫފް ވިދާޅުވިއެވެ.

އެހެންވެ، އެމްޑީއޭގެ ކައުންސިލުން ނިންމީ އިންތިހާބުގައި ކޯލިޝަނަކާ އެއްކޮށް ކުރިއަށް ދިއުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކާ އެއްކޮށް ކޯލިޝަން ހަދައި ކުރިއަށް ދިއުމާ މެދު އެމްޑީއޭ އިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ، ކޯލިޝަނެއް ހެދުމަށް މިހާރު ވެސް ބައެއް ޕާޓީތަކުގެ ފަރާތުން އެމްޑީއޭ އަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެކަމާ މެދު މަޝްވަރާކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް މިއަދުގެ ބައްދަލުވުމުގައި އެކުލަވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެބައޮތް ސިޓީފުޅެއް ފޮނުއްވާފަ، އަދި އެހެން ޕާޓީތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށް ރައީސާ (ސިޔާމާ) ގުޅަމުން ދަނީ،" މައުރޫފް ވިދާޅުވިއެވެ.

އެހެންކަމުން، މިއަދު އެކުލަވާލި ކޮމިޓީން ޕާޓީތަކާ ވަކިވަކިން ބައްދަލުކުރުމަށް ފަހު، އަންނަ ހުކުރު ދުވަހު ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޯލިޝަނެއް ހަދާނީ ކޮން ބަޔަކާ އެއްކޮށް ކަން ނިންމާނެ ކަމަށް، މައުރޫފް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން ކޯލިޝަނެއް ހެދުމަށް ދައުވަތު ދީފިނަމަ އެމްޑީއޭ އިން ނިންމާނީ ކިހިނެއްތޯ ސުވާލުކުރުމުން މައުރޫފް ވިދާޅުވީ، ޕީޕީއެމުން ދައުވަތު ދީފިނަމަ އެ ޕާޓީން ވާހަކަ ދައްކާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީއޭ އާ ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ޕާޓީއަކަށް ވެސް ފުރުސަތު އެބައޮތެވެ.

އެމްޑީއޭ އިން ކޯލިޝަނެއްގައި ކުރިއަށް ދާނީ ކޮން ޕާޓީއަކާ އެއްކޮށް ކަން އަދި ނިންމާފައިނުވާއިރު، ސަރުކާރު ކޯލިޝަންގައި މިހާރު އޮތް އަދާލަތު ޕާޓީން ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާ އެއްކޮށް ކުރިއަށް ދިއުމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ތިބި ބާކީ ދެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެކަމަކު ޖުމްހޫރީ ޕާޓީ އާ އެއްކޮށް އެމްޑީޕީގެ ފަރާތުން ވަނީ ކޯލިޝަން ހެދުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.