މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މި ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު އެ ޕާޓީގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފިއެވެ.
މިއަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި އެ ޕާޓީގެ ފަރާތުން ލިބުނު އެހީތެރިކަން ހަނދާން ނައްތާލާ އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ އެމްޑީއޭއިން އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ތާއިދުކުރި ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި އެކު އެމްޑީއޭ އިން ވަނީ އެމްޑީޕީއަށް ކުރަމުން އައި ތާއިދު އަބުރާ ގެންގޮސްފައެވެ. އަދި އޭރު ޕީއެންސީގެ ކެންޑިޑޭޓު ރައީސް މުއިއްޒުއަށް ތާއިދުކުރަން ނިންމާ އެމްޑީއޭ އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއި އެކު ކޯލިޝަން ހަދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
މިވެރިކަމުގައި އެމްޑީއޭގެ މެންބަރުންނަށް ސަރުކާރުގެ އެކި ފަންތީގެ ވަޒީފާތައް ދީފައިވާއިރު، އެމްޑީއޭގެ 19 މެންބަރުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެހެންނަމަވެސް ފަހުން އޭގެ ތެރެއިން ބައެއް މެންބަރުންގެ ވަޒީފާ ވަނީ އަލުން އަބުރާ ދީފައެވެ.