މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމާ މެދު ފައިނަލް ގޮތެއް ނިންމަން މިއަދު އަދާލަތުން ނިންމައިފިއެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މި ކުއްލި ބައްދަލުވުން ބާއްވަން ތާވަލް ކޮށްފައި ވަނީ މިއަދު ހަވީރަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތުން ތާއީދު ކޮށްދިނުމަށް އެދިވަޑަައިގެން ރައީސް ސޯލިހު އެ ޕާޓީއަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މީގެ ކުރިން ބާއްވައި އެ ބައްދަލުވުމުގައި ނިންމީ ރައީސް ސޯލިހަށް ތާއީދު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމޭނީ އެމްޑީޕީއާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ މަޝަވަރާ ތަކަށް ދާން ހަ މެންބަރުން ހިމެނޭ ހާއްސަ ޓީމެއް އަދާލަތު ޕާޓީން ވަނީ އެކުލަވާލާފައެވެ.
'ދަ ޕްރެސް' އަސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމެޓީން މިހާތަނަށް ވަނީ އެމްޑީޕީއާ އެކު ދެ ބައްދަލުވުމެއް ބާއްވާފައެވެ. އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި އެ ދެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ބޭއްވީ އިއްޔެ ހަވީރުއެވެ. ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އަދާލަތާއި އެމްޑީޕީއާ ކުރި މަޝްވަރާތަކާއި އެއްބަސްވި ކަންކަމުގެ ތަފްސީލު އަދި ލިބިފައި ނެތަސް ރައީސް ސޯލިހަށް ތާއީދު ކުރުމާ މެދު ފައިނަލް ގޮތެއް ނިންމަން މިއަދު ހަވީރު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވާކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.
މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ސޯލިހަށް އެ ޕާޓީގެ ޓިކެޓް ރަސްމީކޮށް އަރުވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އަދި ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ދީފައި ވާއިރު ރައީސް ސޯލިހް ގެންދަވަނީ އިންތިހާބަށް ކޯލިޝަނާ އެކު ނިކުމެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މިއަދު އަދާލަތުގެ ކުއްލި ބައްދަލުވުމުގައި ރައީސް ސޯލިހާ އެކު ދެމި ތިބުމާ މެދު ގޮތެއް ނިންމާނެއެވެ. އެ ޕާޓީއަކީ ރައީސް ސޯލިހާ އެކު މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހަތަރު ސިޔާސީ ޕާޓީގެ ތެރެއިން ޕާޓީއަކަށް ވާއިރު، މިހާތަނަށް ސާފުވެފައި ވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަދާލަތުން ނިންމާނީ ރައީސް ސޯލިހާ އެކު ކުރިއަށް ދިޔުމަށެވެ. އަދާލަތަކީ ކޯލިޝަން ޕާޓްނަރަކަށް ވާއިރު، އެންމެ ބާރުގަދަ އެއް މިނިސްޓްރީ ކަމަށް ވާ ހޯމް މިނިސްޓްރީ މިހާރުވެސް އޮތީ އަދާލަތަށެވެ.
ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓީގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ އެކު ރައީސްގެ މަންދޫބުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ. އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައިރު އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ވެސް ނުވާ ކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް 'ޕޮޒިޓިވް' ބައްދަލުވުމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް އަދި އެ ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ހަމައެއާއެކު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމުން އަދި ގޮތެއް ނިންމާފައި ނުވާ އިރު، ހިނގަމުން ދާ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ޑިމާންޑްތަކަކީ ސަރުކާރުގެ ވުޒާރާތަކާއި ސިޔާސީ ބައެއް މަގާމުތައް ލިބުމެވެ. އަދާލަތާއި އެމްއާރުއެމް އިން މަގާމުތަކަށް ޑިމާންޑް ކުރުމުގެ އިތުރުން އެހެން ޑިމާންޑްތަކެއް ކުރާތަން ފެންނަން ނެތް ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޑިމާންޑްތަކުގެ ތެރޭގައި ނައިބުރައީސްގެ މަގާމާއި ވުޒާރާތަކާއި ސިޔާސީ މަގާމުތަކާއި ޕްރޮޕަޓީ (ރަށްރަށް ހިމެނޭހެން) އާއި މާލީ އެހީވެސް ހިމެނޭކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ.
ޢަދާލަތު ޢަދާލަތަކަށްވާނީ މިވަޤުތު އެމްޑީޕންހިންގާ ދިވެހިސަރުކާރަށް ތާއީދުކޮށްގެން،އެއީ ސިޔާސީގޮތުން ކޮޅަށްނުތެދުވޭ ފިރުކޭ ޕާޓީއަކަށްވާތީ.