މިދިޔަ ޖެނުއަރީ މަހު މާލޭގައި 127 ވަރިއާއި 195 ކައިވެނިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ކޯޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 127 ވަރީގެ މައްސަލައެއް ހުށަހަޅާފައި ވާއިރު ވަރިވުމަށް 72 މައްސަލަ އަދި ވަރި ކުރުމަށް 23 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރި ސާބިތުކުރުމަށް 49 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރިކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 25 މައްސަލަ ނިމުނު އިރު 19 މައްސަލައެއް އަދި ނުނިމެއެވެ. ވަރިވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 76 މައްސަލަ ނިމުނުއިރު ކުރީ މަހުގެ ބާކީއާއެކު 96 މައްސަލަ އަދި ނުނިމެއެވެ.

ހަމައެހެންމެ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 60 ނިމިފައިވާއިރު މި ބާވަތުގެ 29 މައްސަލަ އަދި ނުނިމޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނާ ކުޅޭ 10 މައްސަލައެއް މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ހަޟާނަތުގެ 3 މައްސަލަ އަދި ކުދިންގެ ހައްގުތައް ރައްކާތެރިކުރމުގެ އަމުރުގެ 2 މައްސަލަ އާއި ދަރިން ނުދެއްކުމުގެ 2 މައްސަލަ އަދި ކުއްޖާ އިހުތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ 3 މައްސަލަ ހިމެނެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު މިބާވަތުގެ 6 މައްސަލައެއް ވަނީ މިދިޔަ މަހު ނިންމާފައެވެ. އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ 18 މައްސަލައެއް މިދިޔަ މަހު ނިންމާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު 127 ވަރިއާއި 195 ކައިވެންޏެއް ކޮށްފައިވާއިރު ފެމިލީ ކޯޓުން މިދިޔަ އަހަރު 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ކޯޓުގެ ތަފާސް ހިސާބުތަކުއް ދައްކާ ގޮތުގައި ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނި ރަޖިސްޓަރީ ކުރުމަށް 2021 ވަނަ އަހަރު ނިމުނުއިރު 24 މައްސަލައެއް ހުށަހަޅާފައި ވާއިރު މިދިޔަ އަހަރު ވަނީ 176 މައްސަލައެއް ހުށަހަޅާފައެވެ. އަދި އޭގެ ތެރެެއިން 184 ކައިވެނި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

2021 ވަނަ އަހަރު އެއް މައްސަލައާއި 2022 ވަނަ އަހަރު 20 މައްސަލައެއް ވަލީ ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 18 މައްސަލައެއް ވަނީ ނިންމާފައެވެ. ވަރިވުމަށް އެދި 2021 ވަނަ ނިމުނުއިރު، ނުނިމިއޮތް 134 މައްސަލައަކާއި 2022 ގައި 660 މައްސަލައެއް ހުށަހަޅާފައި ވާއިރު 698 މައްސަލައެއް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވަރި ކުރުމަށް އެދި 2021 ވަނަ އަހަރުގެ 38 މައްސަލައަކާއި 2022 ވަނަ އަހަރުގެ 312 މައްސަލައަކާއެކު ޖުމްލް 329 މައްްސަލައެއް ވަނީ ނިންމާފައެވެ.