ނީލަން ފިހާރަ މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ޕްލޭނިން މިނިސްޓްރީން ބިމެއް ދީފައި ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ނީލަން ފިހާރަ ހިންގާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ. މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް ހިއްސާކޮށް، ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދިނުމަށް މުއިއްޒުގެ ކިބައިން އެދިފައެވެ.

މި ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ނީލަން މުދާ ވިއްކަން ހާއްސަތަނެއް ހުންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ދެކިލައްވާ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދެންނެވި ކަމަށާއި އެހެންނަމަވެސް އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއް ކަމަށް ޖަވާބުދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫން ކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ކަމަށްވެފައި އެ މުއައްސަސާއިން އެކަމަށް ހުއްދަދީފައި ނުވާތީ
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މިދިޔަ މަހު 9 ވަނަ ދުވަހު ހެނދުނު 5:43 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ އަނދާ ހުލިވިއިރު އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.

މީގެ ކުރިންވެސް ނީލަން ފިހާރައިގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ. އެގޮތުން 2015 އިން ފެށިގެން 2021 ގެ ނިޔަލަށް އެތަނުގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފޮރެންސިކް އެކްސްޕާޓުންތަކެެއް ރާއްޖެ ގެނެސް އެކަމުގައި އެއްވެސް ބަޔަކު އަޑީގައި ތިބިތޯ އާއި އަލިފާން ރޯކުރަނީ ގަސްދުގައިތޯ ބަލަން އެމީހުން ބައިވެރިވާނެ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.