އެމްޕީއެލުން މާލެ ވިޔަފާރި ބަނދަރުގައި ބޭނުންކުރަން އެފްއެސްއެމް މެދުވެރިކޮށް ގަތް ތެލުގެ ތެރެއިން 28.3 މިލިއަން ރުފިޔާގެ ތެޔޮ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، އެމްޕީއެލްގެ ތެރެއިން ހިނގާފައިވާ ތެލާބެހޭ ހިޔާނާތުގެ މައްސަލައިގެ އޮޑިޓާ ބެހޭ ގޮތުން، އޮޑިޓާ ޖެނެރަލް އޮފީހުގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް މިއަދު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ނިޔާޒީ ވިދާޅުވީ، ފުލުހުންގެ އިތުރުން އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީގެ އެދުމުގެ މަތިން، އެމްޕީއެލްގެ އެކި މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހެދި އޮޑިޓުން ދައްކާ ގޮތުގައި، 2018 އިން 2020 އަށް އެމްޕީއެލުން 90.8 މިލިއަން ރުފިޔާ (8.8 މިލިއަން ލީޓަރު) ގެ ތެޔޮ ގަނެފައިވެއެވެ. އޭގެ ތެރެއިން ބޭނުންނުކޮށް ގެއްލިފައި ވަނީ 28.3 މިލިއަން ރުފިޔާ (2.8 މިލިއަން ލީޓަރު) ގެ ތެލެވެ.
އެގޮތުން ޖަނަރޭޓަރުތައް ހިންގުމަށް ދޫކޮށްފައިވާ ތެލުގެ ތެރެއިން 9.6 މިލިއަން ރުފިޔާ (950،365 ލީޓަރު) ގެ ތެޔޮ ގެއްލިފައިވާއިރު، ޓަގު ބޯޓުފަހަރަށް ދޫކުރި ތެލުގެ ތެރެއިން 18.6 މިލިއަން ރުފިޔާ (1.8 މިލިއަން ލީޓަރު) ގެ ތެޔޮ ގެއްލިފައިވެއެވެ. ހަމައެއާއެކު އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރި ތެލުގެ ތެރެއިން 127،616 ރުފިޔާ (11،775 ލީޓަރު) ގެ ތެޔޮ ގެއްލިފައިވެއެވެ. އެހެންކަމުން، އޮޑިޓް ރިޕޯޓުގައިވާ ގޮތުން ގެއްލިފައި ވަނީ އެމްޕީއެލަށް 2018 އިން 2020 އަށް ދޫކުރި ތެލުގެ ތެރެއިން 31.2 ޕަސެންޓު ތެލެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެމްޕީއެލްގެ ޓަގު ބޯޓުފަހަރަށް އެޅުމަށް ހުޅުމާލެ ޖެޓީ ސަރަހައްދަށް ފޮނުވި 799،900 ލީޓަރު (7.2 މިލިއަން ރުފިޔާ) ގެ ތެޔޮ ޓަގު ބޯޓުފަހަރަށް ނާޅާ ކަމަށް ބޯޓުތަކުގެ ކެޕްޓަނުން ވަނީ އޮޑިޓަށް މައުލޫމާތު ދީފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ޓަގު ބޯޓު ބޭނުންނުކުރާ އިރު ވެސް ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ރެކޯޑުކޮށްފައި ވެއެވެ.
ހަމަ އެއާއެކު، އޮޅުވާލުމުގެ ގޮތުން ރިކުއެސްޓު ފޯމުތައް ފޯޖުކޮށް، ސައްހަނޫން މައުލޫމާތު އެކައުންޓިން ސިސްޓަމްތަކުގައި ރެކޯޑުކުރާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. އެގޮތުން އެމްޕީއެލުން ގަންނަ ތެލުގެ ތެރެއިން ބައެއް ބާކީކުރެވިފައި ނުވާ ކަމަށް ދެއްކުމަށާއި، އެމްޕީއެލުން ގަންނަ ހުރިހާ ތެލެއް ބޭނުމަށް ދޫކުރެވިފައިވާ ކަން ދެއްކުމަށް ރެކޮޑުކޮށްފައިވާއިރު އެކަން ކޮށްފައި ވަނީ ތަކުރާރުކޮށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ޑީސަލް ގަނެ އެހެން ފަރާތްތަކަށް އޭގެން ބައެއް ނާޖާއިޒު ގޮތުގައި ސަޕްލައިކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަން ހާމަވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، އެމްޕީއެލަށް ބޭނުންވާ ތެޔޮ ގަތުމަށް އެފްއެސްއެމަށް ފޮނުވާ ޕާޗެސް އޯޑަރުގެ ދަށުން ބަލްކުކޮށް އެކި ފަހަރުގެ މަތިން ދުވަހުން ދުވަހަށް ބޭނުންވާ ތެލުގެ އަދަދާއި ތަން ލިޔެކިއުމުން އެންގުމުގެ ބަދަލުގައި ފޯނުން އަންގާ ގޮތަށް ހަމަޖައްސާފައި އޮތުމުން، އެމްޕީއެލްގެ އުޅަނދުފަހަރަށް އެޅުމަށް ތެޔޮ ފޮނުވަން ޖެހޭ ތަންތަނަށް ނޫން އެހެން ތަންތަނަށް ފޮނުވުމަށް މަގުފަހިވެ، އިންޓާނަލް ކޮންޓްރޯލްސް ވީކްނަސްގެ ސަބަބުން ހިޔާނާތް ހިންގުމަށް މަގުފަހިވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. އެގޮތުން އެ ރިޕޯޓުގައި ފާހަގަކުރި ކަންކަމަށް ބަލާލާއިރު:
- 2020 އަކީ ކޮވިޑާ ހެދި ރާއްޖެ އަށް ގެނައި މުދަލާއި ބަނދަރުގެ މަސައްކަތްތައް މިދިޔަ އަހަރަށް ވުރެ މަދު އަހަރަކަށްވީ ނަމަވެސް، އެ އަހަރު ގަނެފައިވާ ޑީސަލްގެ އަދަދު މިދިޔަ އަހަރަށް ވުރެ 59 ޕަސެންޓު އިތުރު
- މިދިޔަ އަހަރު ގަނެފައިވާ ތެލުގެ އަދަދު މަދުކުރެވިފައި ވަނީ 2020 ގެ ފަހުކޮޅުން ފެށިގެން އިންޓާނަލް ކޮންޓްރޯލް ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމުން
- އެއީ ބޭނުންވާ ވަރަށް ވުރެ އިތުރަށް 2020 ގައި ތެޔޮ ގަންނަމުން ދިޔަކަން ކަށަވަރުކޮށްދޭ ކަމެއް
- ހުޅުމާލެ ޖެޓީ ސަރަހައްދަށް ސަޕްލައިކުރި ތެލާ ހަވާލުވި ކަމަށް އެމްޕީއެލްގެ ޕްރޮކިއުމެންޓް ސްޓޯގެ އެސިސްޓަންޓް މެނޭޖަރު ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރި، އަދި އެފްއެސްއެމްގެ ބައުސަރުތަކުން ތެޔޮ ދޫކުރި ކަމަށް ޑްރައިވަރުން ވެސް ސޮއިކުރި
- އެހެންވެ މި ހިޔާނާތުގައި ދެ ކުންފުނީގެ މުވައްޒަފުންތަކެއްގެ އަތެއްވާކަން ބެލެވޭކަން
އަދި އެމްޕީއެލަށް ގަންނަ ޖަނަރޭޓަރު ތެލުގެ ތެރެއިން ޖަނަރޭޓަރުތައް ހިންގުމަށް ތެޔޮ ބޭނުންކުރެވޭ ގޮތް ބެލުމަށް 2019 ގައި ކުރިއަށް ގެންދިޔަ އެތެރޭގެ އޮޑިޓުން އެމްޕީއެލަށް ގަންނަ ތެލުގެ ތެރެއިން ބައެއް ގެއްލިގެން ދާކަން ފާހަގަކުރި ނަމަވެސް، އެމްޕީއެލްގެ މަސައްކަތަށް ބޭނުންވަނީ ކިހާ މިންވަރެއްގެ ތެލެއްކަން ހޯދަން މަސައްކަތްކޮށްފައި ނުވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ދީފައި ހުރި ބައެއް ލަފާތަކަށް ބަލާއިރު، ހިޔާނާތް ހިންގުމުގައި ބައިވެރިވި މުވައްޒަފުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އޭސީސީއަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅުމަށާއި ހިޔާނާތުގައި ބައިވެރިވި މުވައްޒަފުންގެ އަތުން އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި ސައްހަ ނޫން ފޯމުތަކާއި ސޮއި ހެދުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ތަހްގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުން ހިމެނެއެވެ. ހަމައެއާއެކު ތެޔޮ ހޯދުމަށް އެއްފަހަރާ ގިނަ ފޯމުތައް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ފޮނުވާ ގޮތަށް ހަމަޖެއްސި ނަމަވެސް، ތެޔޮ ހޯދުމަށް ފޮނުވާ ރިކުއެސްޓުތަކުގެ މައުލޫމާތު، ރިކުއެސްޓު ފޯމު ފޮނުވާ ޔުނިޓުތަކުން ބަލަހައްޓާ ގޮތް ހަމަޖެއްސުމަށާއި ޔުނިޓުތަކަށް ލިބޭ ތެލަކީ ކޮން ރިކުއެސްޓު ފޯމަކާ ގުޅިގެން ލިބޭ ތެލެއްކަމާއި ތެޔޮ ހޯދުމަށް ފޮނުވާ ހުރިހާ ފޯމުތަކެއްގައި ހިމެނޭ ތެޔޮ ޔުނިޓުތަކަށް ލިބޭ ކަން ކަށަވަރުކުރުމަށް އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ލަފާ ދީފާއެވެ.
ރިކުއެސްޓު ފޯމުތަކާއި އިޝޫ ނޯޓުތަކުގައި ހުންނަން ޖެހޭ މައުލޫމާތު ފުރިހަމަކުރުމަށާއި، އެއް ރިކުއެސްޓު ފޯމު ދެވަނަ ފަހަރަށް ބޭނުންނުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްއަދި ބަޖެޓު ތައްޔާރުކުރުމުގެ ކުރިން އެމްޕީއެލުން ތެޔޮ ހޭދަވާ މިންވަރުގެ ރިޕޯޓުތައް ހޯދައި ކުރިއަށް އޮތް އަހަރަށް ބަޖެޓު ތައްޔާރުކުރާއިރު އެ ރިޕޯޓުތަކަށް ބެލުމަށް ވެސް އޮޑިޓުން ލަފާދީފައިވެއެވެ.