ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގެ ދައުވާ ލިބޭ ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކޮށް، ޖަލުގައި ބަންދު ކޮށްފިއެވެ.

ޝަރީއަތް ނިމެންދެން މަންޑޭ ޖަލުގައި ބަންދުކުރުމަށް އަމުރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެވެ. އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް އެންގުމަށް ފަހު އެ ދުވަސްތަކުގައި މަންޑޭ ބޭރުގައި އުޅޭ ކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ޑޮކްޓަރުގެ ލިޔުންތައް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއް ނެތް ކަމަށް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ. ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކުރުމަށް ކޯޓުން ހުކުމް ކުރުމާއެކު އޭނާ މިއަދު ވަނީ ހައްޔަރުކޮށް ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ.

އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގޮބޮޑެތި ސާމާނުތަކާއި ދަބަހާއި ސެންޓު ފަދަ ތަކެތި ވެސް ވަނީ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 7 މިލިއަން ރުފިޔާއަށް އަރަ އެވެ. މިތަކެތި އަނބުރާ ހޯދަން މަމްދޫހު ހައި ކޯޓާ ހިސާބަށް ދިޔަ ނަމަވެސް ހައި ކޯޓުން ވެސް ނިންމީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ.

މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް ކުރުމަށް ދައުލަތުން ހުށަހަޅާފައިވާއިރު އޭނާގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށެވެ.