ކެމްޕެއިންގައި ސިޔާސަތާއި ވައުދު ފިޔަވާ އެހެން ކަންކަން ރިޝްވަތުގެ ގޮތުގައި ކަނޑައަޅާ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒުއެވެ.
އެ ބިލުގައިވާ ގޮތުން ކެންޑިޑޭޓަކު ވޯޓު ހޯދަން ރައްޔިތުންނަށް ވާ ވައުދުތަކާއި ރިޝްވަތުގެ ގޮތުގައި ބަލާނެ ކަންކަން ކަނޑައެޅުން ހިމެނޭއިރު އެގޮތުން އެ ގާނޫނުގައި ކުށާއި އަދަބު ބަޔާނަކޮށްފައިވާ 74 ވަނަ މާއްދާގައި ރިޝްވަތާ ގުޅޭ ކުށް ހިމަނަން ވަނީ ހުށައަޅާފައެވެ.
އެ އިސްލާހުގައި ބުނެފައިވަނީ ވައުދުގެ ގޮތުގައި ވާނީ އިންތިހާބަކާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކޮށް ވާ ވައުދުތައް ކަމަށާއި އެކަންކަން ފިޔަވައި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ޓަކައި ވަކި ފަރުދަކުން ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ ހިދުމަތެއް ދިނުމާއި ދޭނެ ކަމަށް ބުނުން ހިމެނޭނީ ރިޝްވަތުގެ ތެރޭގައި ކަމަށެވެ.
ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެ ނޫންވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމަށް އެ އިސްލާހުގައި ވަނީ ބުނެއެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އިންތިހާބަށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫންވެސް މަންފާއެއް ފޯރުކޮށްދިނުމާއި އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެއެވެ.