ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ އަސާސްތަކަށް ރުޖޫއަ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް ގޮވާލާ، ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ގަރާރް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ. ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ މުހައްމަދު ވަހީދު ހުށަހެޅުއްވި ގަރާރުގައި ބުނީ އެމްޑީޕީ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ ކަންކަން ނިންމުމާއި ހިންގުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ކިބައިގައި އެ ބާރުވެރިކަން އިތުރުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެމްޑީޕީން މެނިފެސްޓޯއެއް ހަދާފައިވާނެ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެމްޑީޕީން 2008، 2013 އަދި 2018 ވަނަ ރިޔާސީ އިންތިހާބުގައި ވެސް މެނިފެސްޓޯއެއް އެކުލަވާލާފައި ވާކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާ ބޭފުޅަކާއި އެހެން ވެސް އިންތިހާބީ އަދި ސިޔާސީ އޮފިޝަލުން ވެސް މެނިފެސްޓޯގައި ވާ ކަންކަން ކުރުމަކީ އަސާސީ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސާތުތައް ގެންގުޅެނީ އެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ އަސާސްތަކާ އިދިކޮޅަށްކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލުމަށް ސަރުކާރުގެ ވިޔަފާރި ކުޑަކޮށް، އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށް ގަރާރުގައި ގޮވާލައިފައި ވެއެވެ. އަދި ފުދުންތެރިކަމާއި އާމްދަނީ އިތުރު ކުރުމަށް އެ ޕާޓީން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގެސްޓްހައުސްއާ ގުޅޭ ވައުދުތައް ފުއްދުމާއި ބޯހިޔާވަހިކަމުގެ ވައުދުތައް ހިފެހެއްޓުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން މި ގަރާރުގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލުމަށް ގޮވާލާފައެވެ.