ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގައި އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުންދާތީ އެކަމަށް ސަމާލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގައި ސައްހަނޫން ލިޔުން އުފައްދާ ކުއްޔަށް ހިފާ ފަރާތަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ. މިފަދަ ތަންތަނުގެ ހަގީގަތް އެނގޭއިރު ބައެއް ފަރާތްތަކުގެ އަތުން ލައްކައިން ފައިސާ އަތުލާފައި ހުންނަކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކުރަމުން ޕީޖީ އޮފީހުން ބުނީ، ކުއްޔަށް ދޫކުރާ މީހާއަކީ ހަގީގަތުގައިވެސް އެބުނާ މުއްދަތަކަށް އެތަން ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝައްކުވާ ހާލަތްތަކުގައި ގޭގެ އަސްލު ވެރިފަރާތާއި ބައްދަލުކޮށް، ކަންކަން އޮޅުން ފިލުވަން ޖެހޭނެ ކަމަށާއި މިފަދަ މުއާމަލާތަކުގައި ބޭނުން ކުރާ އެންމެހާ ލިޔެކިޔުންތަކާއި ފައިސާ ދެއްކިކަމުގެ ލިޔުންފަދަ ތަކެތި ރައްކާތެރިކުރުމަކީ ލިބިދާނެ ގެއްލުން ކުޑަކޮށް ބަދަލު ހޯދަން ފަސޭހަވާނެ ކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެއިތުރުން ގިނަ ފައިސާ ހިމެނޭ ކުލީގެ މުޢާމަލާތްތައް ހިންގެވުމުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށް ވެސް ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޕީޖީ އޮފީހުން މިކަންކަމަށް އިލްތިމާސްކޮށްފައިވާއިރު މަކާރާއި ހިލާތަކުން ފައިސާ ހޯދަމުންދާ މައްސަލަތައް މިވަނީ އިތުރަވެފައެވެ.