މި އަހަރުގެ މިހާތަނަށް 200،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، އެންމެ ގިނައިން ރަޝިޔާގެ ފަތުރުވެރިންނެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 267،507 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދަޔަ އަހަރުގެ މިހާތަނަށް ބަލާނަމަ 29.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ. ރަޝިޔާއިން ޖުމްލަ 34،128 ފަތުރުވެރިން އައިސްފައި ވާއިރު، ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އައީ އިންޑިއާ އިން 29،513 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 25،396 ފަތުރުވެރިން އައިއިރު އިޓަލީން 24،199 ފަތުރުވެރިން އައިސްފައިވެ އެވެ. ޖަރުމަނުން 17،215 ފަތުރުވެރިން ރާއްޖެ އައިއިރު ފްރާންސުން 11،905 ފަތުރުވެރިން އަދި އެމެރިކާއިން 10،978 ފަތުރުވެރިން އައިސްފައި ވެއެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް

ފަތުރުވެރިކަމަށް ހާއްސަ 883 ގެސްޓްހައުސްގައި 14،282 އެނދު ހުރިއިރު 168 ރިސޯޓް ހިންގަމުންދާއިރު އެ ތަންތަނުގައި ފަތުރުވެރިކަމަށް 41،049 އެނދު އެބަހުއްޓެވެ. އަދި 152 ސަފާރީގައި 2،953 އެނދުގެ އިތުރުން 13 ހޮޓެލްގައި 1،640 އެނދު އެބަހުއްޓެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެވަރެޖްކޮށް 8 ދުވަސް ހޭދަކުރަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފަތުރުވެރިން ރާއްޖެ ގެނެއުމަށްޓަކައި ޖުމްލަ 36 އެއާލައިން އިން ދަތުރުތައް އޮޕަރޭޓް ކުރަމުންދާއިރު މީގެ ތެރެއިން 12 ގައުމަކުން ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓް ކުރަމުންދެއެވެ.

ޗައިނާގެ ބެއިޖިން ކެޕިޓަލް އިން އައި ފަތުރުވެރިންގެ އާއިލާ އަކުން ޓާމިނަލަށް ދާން ބަހުގައި / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން އަންނަން ފެށުމެވެ.