ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ސަމަދުއަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާ ފުރައްސާރަ ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ، އަވަށްޓެރި ގައުމެއްގެ އަސްކަރިއްޔާ އަށް ގޮންޖެހުމަށް ފަހު އިންޑިއާ އަށް ދިޔަ ސަމަދަކީ "އިންޑިއާ އައުޓް" ހަރަކާތުގެ ކުރީސަފުގައި ޖަޑިބަކަށް ހުރި މީހެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ސަމަދު ހުރީ ފިނި ކޮޓަރިއެއްގައި ކަމަށާއި އެކަމަކު ރާއްޖެ އައި ގޮތަށް ރޮއެ ގަތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވާ ވިދާޅުވީ، ދިވެހި ސިފައިން މިއަދު ތަމްރީނު ކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތް ކުރި މީހަކަށް ވާތީއެވެ.

މާރިޔާގެ ވާހަކައާ ގުޅިގެން ސޯޝަލްމީޑިއާގައި ގިނަ ބަޔަކު އަންނަނީ މާރިޔާއަށް ފާޑުކިޔަމުންނެވެ.

އެގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރިޔާގެ ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން މާރިޔާގެ ކެރެކްޓާ އާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މީގެ އިތުރުން ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މާރިޔާއަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމާއި އެއީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނޫންކަން ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. އަދި ރާއްޖޭގައި ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސަވާ ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައި ނުގަނެވޭކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ.

މާރިޔާގެ ވާހަކައާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވީ އިންސާނަކަށް ކުރިމަތިވި ހިތާމައެއްގައި އެއްވެސް ފަރާތަކުން އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރާ މޭރުމުން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. ހާއްސަކޮށް ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ކުރެއްވުން ވަރަށް ހުތުރުކަން ބޮޑުކަމަށް އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ފުރައްސާރަކޮށް މަލާމާތް ކުރުމުން އެނގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު ކަމަށާއި މިވަރުގެ މީހުން ވަޒީރުކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މާރުޔާއަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންމަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެސް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އާންމު ރައްޔިތަށް ދިމާވި އެ ފަދަ ކަމެއްގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުއްނަވައިގެން މާރިޔާ އޭނާއަށް މަލާމާތް ކުރެއްވުން ބަލައި ނުގަނެވޭނެ ކަމަށާއި، ސޮމަދުގެ ކިބައިންނާއި އާންމު ރައްޔިތުންގެ ކިބައިން މާރިޔާ މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މި ހުރިހާ ފާޑުކިޔުންތަކުގެ ދިފާއުފައި މާރިޔާ ހުންނެވީ ގަދަކޮށެވެ. ވިދާޅުވަނީ، ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗެއް ގޮވާފައި ދިޔުމުން އެގައުމުން އޭނާ އަނބުރާ ފޮނުވާލުމާއެކު ރޮއި ހަދާ ފައިވާ އިރު އެގޮތް އެހެން ރައްޔިތަކަށް ނުވުމަށްޓަކައިވެސް އެވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުންވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ސަލާމަތީ ހިދުމަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ގެންދަވަނީ މާރިޔާއަށް ފާޑު ވިދާޅުވަމުންނެވެ.

މާރިޔާ އެމޭރުމުން ވާހަކަ ދެއްކެވި އިރު، ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސަވެ، އިންޑިއާގެ ނުފޫޒުގެ ދަށުގައި އޮތް ސަރުކާރެއް ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކަމުންވެސް ދެއެވެ. އެހެން ކަމުން އިންޑިއާ ނުރުހޭ ކަމެއް، ހިތްހަމަނުޖެހޭ ވާހަކައެއް މި ސަރުކާރަށް ބުނަންވެސް ނުކެރޭނެ ކަމަށް އެ ފަރާތްތަކުން ބުނަމުން ގެންދެއެވެ.