ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއިން ބާތިލް ވޯޓު ހުރި މިންވަރާ ގާތަށް ވެސް ދެވަނަ ބުރަށް ވަޑައިގެން ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ކުޑަނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.
ރޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައި މާރިޔާ ވަނީ އުމުރުން ދުވަސްވީ މީހުންނަށް ވޯޓު ލެވެނީ ކޮން ގޮތަކަށްކަން ޔަގީން ކުރުމަށްޓަކައި ފާހަގަ މަތީގައި ފާހަގަ ޖެހުމުން އެ ވޯޓު ބާތިލް ކޮށްފައިވާ ކަމަށާއި އިންތިހާބުގެ އިންތިޒާމްތައް ވެސް ހުރީ ވަރަށް ގޯސް ކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި ކަމަށް ވެސް މާރިއާ ރޭ ވިދާޅުވިއެވެ.
މާރިޔާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފުވާދު ވިދާޅުވެފައި ވަނީ، ބާތިލް ވޯޓަށްވުރެ 1 ވަނަ އާއި 2 ވަނަ އާ ދެމެދުގެ ފަރަގު ބޮޑު ކަމަށާއި، ހަމައެފަދައިން 2 ވަނަ އާއި 3 ވަނަ އާ ދެމެދުގެ ތަފަަތުވެސް ބާތިލު ވޯޓަށް ވުރެ ބޮޑު ކަމަށެވެ. އެހެންކަމުން އެހެން ވިދާޅުވެ އަޑުގަދަ ކުރައްވަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެ ވާހަކައަށް ރައްދު ދެއްވަމުން މާރިޔާ ވަނީ ފުވާދު ދެއްކެވި ވާހަކަ ސާފު ކުރެއްވުމުގެ ގޮތުން ސުވާލެއް ކުރައްވާފައެވެ. "ނަތީޖާ ބަދަލުވާ ވަރަށް ވޯޓުގެ ފަރަގު ކުޑައީ، ބާތިލް ވޯޓު ސައްހަ ވަނެޔޭތޯ ނުވަތަ ސައްހަ ވޯޓު ބާތިލް ވާނެޔޭތޯ ތިޔަ ވިދާޅުވަނީ" މިހެން މާރިޔާ އެއްސެވިއެވެ. އަދި ނަތީޖާގެ ފަރަގު ކުޑަ ވިޔަސް ނުވަތަ ބޮޑު ވިޔަސް ބާތިލް ވޯޓު ވާނީ ބާތިލް ވޯޓަށް ކަމަށާއި އަދި ސައްހަ ވޯޓް ވާނީ ސައްހަ ވޯޓަށް ކަމަށް މާރިޔާ ވިދާޅުވެ ރައްދު ދެއްވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ރައްޔިތު މީހާގެ ވޯޓަކުން ބަސް ބުނުމަކީ ރައްޔިތު މީހާގެ އަސާސީ ހައްގެއް ކަމަށާއި ފުވާދު ދެއްކެވި ވާހަކައަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ލާ ވޯޓުން ނަތީޖާ ކަނޑައެޅުމަކީ ފަރުދީ ހައްގެއް ކަމަށާއި އެއީ ކަލެކްޓިވް [ގުޅިގެން] ދޭ ހައްގެއް ނޫން ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ގޮސްފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ބެހޭ ގޮތުން އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ އީއޯއެމް) އިން ބުނެފައި ވަނީ މުވައްޒަފުންނާއި ފައިސާގެ ދަތިކަމާއެކު ވެސް އިންތިހާބުގެ އިދާރީ ހިންގުންތެރިކަން ވަރަށް ރަނގަޅު ކަމަށާއި އެހެންނަމަވެސް ވޯޓުލާ މީހުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން ގާނޫނުން ލާޒިމްކުރާ ސުންގަނޑިތަކަށް އަމަލުކޮށް، ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ތަކަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ. އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ކުރުމުގެ ކަންތައް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށާއި ކެންޑިޑޭޓުން ރަޖިސްޓަރީ ކުރުމުގެ ކަންކަން އީސީ އިން ގެންދިޔައީ ވެސް ރަނގަޅަށް ކަމަށް ބުނެފައި ވެއެވެ.
މާރިޔާ ތިޔަހެން ނުބުނީސް އިބޫ އަށް ފުރަތަމަ ބުރުގަ އ ވޯޓުލިބުނު ނަމަ. އެހެންވި ނަމަ ފުވާދަށް ތަޢުރީފް ކުރާވަރުން ނޮހޮރުއްޕާންވީސް. ދުނިޔޭގެ އާދަ ވަކި މާރިޔާއެއް ނޫން ބަލިވާމީހާ އަބަފުވެސް ބަހަނާ ދައްކާނެ. ފުވާދު ބުނީ ދެމެދުގެ ފަރަގު ބޮޑުކަން ބާޠިލް ހުރިހާ ވޯޓެއް އިބޫގެ ކޮޅަށް ލިޔަސްް މުއިއްޒުއާ އެއްވަރު ނުކުރެވޭނެކަން. އަދި ބާޠިލް ހުރިހާ ވޯޓު ޢިލްޔާސް އަށް ލިޔަސް އިބޫއާ އެއްވަރު ނުކުރެވޭނެ ކަން.