ރާއްޖެއާއި ޗައިނާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފިއެވެ.
ދެ ގައުމުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރަން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޮވިޑް ހާލަތާ ގުޅިގެން މިއެއްބަސްވުމަށް އަމަލުކުރުން އޭރު ފަސްކުރިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ޗައިނާގެ ރައްޔިތުންނާއި އަދި ދިވެހިންނަށް އެއްގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
މީގެތެރޭގައި ފަތުރުވެރިންނާ، ވިޔާފާރި އަދި އާއިލާއަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެއެވެ.
ނަމަވެސް ރާއްޖޭގައި ހުރުމަށް ނުވަތަ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުމަށް ނުވަތަ އެއްވެސް ކަހަލަ މަސައްކަތެއް ކުރުމަށް ނުވަތަ ވިޔަފާރިއެއް ކުރުމަށް ރާއްޖެ އަންނަ ނަމަ ވިސާ ހޯދަން ޖެހޭނެ ކަމަށް ޗައިނާ އެމްބަސީން ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޗައިނާގެ ފަތުރުވެރިން ރާއްޖެ އަށް އަލުން އަންނަން ފަށާފައި ވަނީ މިމަހު 18 ވަނަ ދުވަހުއެވެ.
ކޮވިޑް-19 ގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ ޗައިނާ އިންނެވެ.