ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު މުހިންމު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެވިފައިވަނީ މިއަދު ރާއްޖޭގައި ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ހަވާސާގައެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް އެވެ. އަދި ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ބޮޑު ބާޒާރުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަނެ، އެ ގައުމަށް މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކަމާއެކު އެކުލަވައިލުމެވެ. މިގޮތުން ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި މަހުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ބާޒާރަށް ކާބޯތަކެތި އެތެރެކުރުމުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ މިންގަނޑުތަކާއި ޝަރުތުތައް ފުރިހަމަކުރުމަށްވެސް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯ ހަރަކާތްތެރިވާނީ މަސް ފޯރުކޮށްދޭ މައިގަނޑު ފަރާތުގެ ގޮތުގައެވެ. އަދި ސައިނޯމެކް ހައިނާން ކުންފުނިން މަސައްކަތްކުރާނީ ޗައިނާގެ އެކި ކަންކޮޅުތަކުން ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމަށެވެ. މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ބެލުމަށްފަހު، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މަހުގެ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.

މިފްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އާ ބާޒާރުތައް ހޯދައިދިނުމަށާއި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.