ދިވެހިރާއްޖެ އަބަދުވެސް އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ހުޅުވިފައި ކަމަށާއި، އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ހަވާސާގައި މިއަދު ހެނދުނު ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ހަމައެކަނި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ފޯރަމެއް ނޫން ކަމަށާއި، މިއީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ނަތީޖާތަކެއް ހޯދައިދީފައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އާ ބާބެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކަނޑުމަގުގެ ވިޔަފާރިއާއި ހާރިޖީ ގުޅުންތަކުގެ ޒަރީއާއިން އެތައް އަހަރުތަކެއް ވަންދެން ބަދަހި ގުޅުމެއް އޮތްކަން ފާހަގަކުރައްވައި، މިއަދު އެ ގުޅުން ވަނީ ދެފަރާތުގެ އިހްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައި ކަމަށް ވިދާޅުވިއެވެ.

1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2025 ގެ ޖެނުއަރީން ފެށިގެން 2026 ގެ އޮގަސްޓް މަހުގެ ނިޔަލަށް ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި، އެއީ ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވަނީ މި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކަން ރައީސް ހާމަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ވިޔަފާރީގެ މި މިންވަރު އިތުރުކުރުމުގެ އިތުރުން، އިގްތިސާދީ މި ގުޅުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި، ދިވެހި އަތްތެރި މަސައްކަތްތަކާއި އެކި ހިދުމަތްތަކަށް ޗައިނާގެ މާކެޓުގައި ބޮޑު ފުރުސަތެއް އޮތްކަން ފާހަގަކުރައްވައި، ޕްރޮސެސިން އާއި ސަޕްލައި ޗެއިން އަދި މާކެޓަށް ވާސިލުވުމުގައި ދިވެހި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު ދައުވަތު އެރުވިއެވެ.

ރާއްޖޭގެ ގައުމީ ތަރައްގީގެ އާ މަރުހަލާއަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް "ވިޝަން 2040" ގެ އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އިގްތިސާދު ސިންދަފާތުކޮށް، އާ އީޖާދުތައް އަވަސްކޮށް، ގައުމުގެ ކުރިމަގަށް އިތުބާރުކުރާ އިންވެސްޓަރުންނާއެކު ބަދަހި ގުޅުމެއް ގާއިމުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިގޮތުން، ވޭތުވެދިޔަ ސާޅީހަކަށް އަހަރު އަމަލުކުރަމުން އައި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު އުވާލައި، އާ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ގެނެސްފައިވަނީ ދެފުށް ފެންނަ، ސިޔާސަތުތައް ސާފު އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑު މާހައުލެއް ގާއިމުކުރުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، ޒަމާނީ މަސްވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސިއްހީ ދާއިރާ، މާލީ ހިދުމަތްތައް، ސްމާޓް އިންފްރާސްޓްރަކްޗާ އަދި ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ރާއްޖޭގައި ފުރުސަތުތައް ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖެއިން އިންވެސްޓްމަންޓްތައް ބޭނުންވަނީ ހަމައެކަނި ލިބޭ ފައިސާގެ މަންފާއަށް ނޫން ކަމަށާއި، އާ ސިނާއަތްތައް އުފައްދައި، ހުނަރު އިތުރުކޮށް، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ރައްޔިތުންނަށް ކުރިއެރުމުގެ މަގުތައް ހުޅުވައިދިނުމަށް ކަމަށެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށާއި، ދިވެހި ވިޔަފާރިތަކާއެކު ގުޅުން ގާއިމުކޮށް، ވިޝަން 2040 ގެ ދަތުރުގައި ބައިވެރިވުމަށް ހުރިހާ އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައެވެ. އަދި މި ފޯރަމަކީ ހަމައެކަނި ދެކެވޭ ވާހަކަތަކަކަށް ވުރެ ބޮޑަށް، އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، ދެމެހެއްޓެނިވި ގުޅުންތަކެއް އުފައްދައި، ތަރައްގީ ގެނެސްދޭނެ ފޯރަމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.