ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 86 ބޭފުޅެއްގެ އަގު ވަޒަން ކުރައްވައި ރައީސް މި އިނާމް ދެއްވީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

2021 ވަނަ އަހަރު ދިވެހި ދައުލަތުން ރައީސް ސޯލިހް ދެއްވަންފެއްޓެވި ޝަރަފުވެރި ކަމުގެ މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި ދެއްވާ އިނާމެކެވެ.

50 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ މއ. ބޮޑުގަލުމާފަތްގޭ ސާބިރާ ވަހީދަށް ރޭގެ ޖަލްސާގައި ވަނީ އިނާމް ދެއްވާފައެވެ.

ރޭގެ ޖަލްސާގައި އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއިރު އިނާމް ލިބިފައި ވަނީ 25 އަންހެން ބޭފުޅުންނަށާއި 61 ފިރިހެން ބޭފުޅުންނަށެވެ.

ރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

އިނާމު ލިބިވަޑައިގެންނެވީ ބޭފުޅުންގެ ފަރާތުން ޖަލްސާގައި ވާހަކަދެއްކެވީ ގައުމީ ކުތުބުހާނާގެ ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާއެވެ.