އެކި ރަށްރަށުގައި އިސް ރަށްވެހިންނަށް އިޖުތިމާއީ މަރުކަޒުތަކެއް ގާއިމްކޮށްދިނުމަށް ގަސްދުކުރައްވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރައްވައިފިއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތް މި ހިސާބަށް އައުމުގައި އެ ބޭފުޅުންގެ ދައުރު ބޮޑު ކަމަށާއި، އެ ބޭފުޅުންނަކީ ގައުމީ ތަރައްގީގެ މުހިންމު ހިއްސާދާރުންތަކެއް ކަމަށެވެ.

ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ އަސްލަކީ އެ ބޭފުޅުން ޒުވާން ދައުރުގައި ކުރެއްވި މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ބޭފުޅުން ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދީ، އެ ބޭފުޅުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން، އެފަދަ ބޭފުޅުން އެއް ތަނަކުން ބައްދަލުވެ، އުފާވެރިކަމާ އެކު ވަގުތު ހޭދަކޮށްލައި އުޅެވޭފަދަ މާހައުލެއް ގާއިމްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަސްދު ކުރަނީ، އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްދޭން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެފަދަ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތެއް މިހާރު ކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނާދީތަމައްދުން ކުރިން ހުރި ބިމުގައި އެފަދަ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަރުކަޒުގެ ހިދުމަތްތައް ވަރަށް އަވަހަށް ފަށައި، ރަށްރަށުގައި ވެސް މިފަދަ މަރުކަޒުތައް ހުޅުވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެފަދަ މަރުކަޒުތަކެއް ގާއިމްކުރުމުން މުހިންމު މަގްސަދުތަކެއް ހާސިލްކުރެވިގެން ދާނެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަރުކަޒުތަކުގެ ސަބަބުން:

  • އިސް ރަށްވެހިންނަށް ދޭން ޖެހޭ ގަދަރާއި އިހްތިރާމް ހޯދުމަށް މަގުފަހިވެގެން ދާނެ
  • އެ މީހުންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ
  • މުޖުތަމައުގައި އެ މީހުންގެ ދައުރު މިހާރަށް ވުރެ އިތުރުކޮށްދެވޭނެ
  • ދުޅަހެޔޮ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގޭނެ
"މިއަދު ހިދުމަތުން ވަކިވެވަޑައިގެންފައި ތިއްބެވިޔަސް، އެ ބޭފުޅުންނަކީ ދައުލަތުގެ އިދާރީ ހިންގުންތެރިކަމުގެ ތަޖުރިބާތަކުން ފުރިފައިވާ ކަންޒުތަކެއް. އެފަދަ ބޭފުޅުންގެ ތަޖުރިބާއިން ހާސިލް ކުރެވޭނެ ކިތަންމެ މަންފާ އެއް މިހާރު ވެސް ހުންނާނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެ މަރުކަޒުތައް ގާއިމްކޮށް ނިމި، އެ ތަންތަން ހުޅުވުމުން، އިސް ރަށްވެހިންގެ ތަޖުރިބާތައް ހިއްސާކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.