ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އިމާރާތަށް، ޓްރާންސްޕޯޓް މިނިސްޓްރީ ބަދަލު ކުރާތީ ލައިސަންސްގެ ހިދުމަތް ފިޔަވާ ހުރިހާ ހިދުމަތެއް މެދުކަނޑާލަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ އޮފީސް އިމާރާތް ސްޓާ ކްލައުޑް އިމާރާތުން އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންކަމުން މިނިސްޓްރީން ހިދުމަތް ދިނުމުގައި ބޭނުންކުރާ ސާވާ މެދުކަނޑާނުލައި އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އެހެންކަމުން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފިޔަވާ އެހެން ހުރިހާ ހިދުމަތްތަކެއް މިއަދުގެ މެންދުރުފަހު 2 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހެދި ފުރަތަމަ އޮފީސް އިމާރާތް ކަމަށްވާ އުމަރު ޒާހިރުގެ އޮފީސް ހުޅުވާފައި ވަނީ އިއްޔެއެވެ. 'އުމަރު ޒާހިރު އޮފީސް ބިލްޑިން'ގެ ނަމުގައި ހުޅުވި މި އިމާރާތަކީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ހަނދާނުގައި ނަން ދީފައިވާ އިމާރާތެކެވެ.

ޖުމްލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ އިމާރާތުގައި ހަ ފަންގިފިލާއެއް ހުރި އިރު އެއިން ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓްގެ ޖާގަ ހުރެއެވެ. މިތަނުގެ ގްރައުންޑް ފްލޯގއި ރިސެޕްޝަން ކާރު ޕާކު ކުރެވޭނެ އިންތިޒާމް ހުރި އިރު ދެވަނަ ބުރީގައި ސައިކަލު ޕާކު ކުރެވޭނެއެވެ. އެ އިމާރާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އޮފީހާއި އެމެރިކާ އެމްބަސީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް ހިންގަން ވަނީ ނިންމާފައެވެ.