އިނގިރޭސިވިލާތުން، ސިރިއާއަށް އިގުތިސާދީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ލުއިތަކެއް ދީފިއެވެ.

ތުރުކީ އާއި ސީރިޔާއަށް ކުރިމަތިވި ބިންހެލުމުގައި ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ހަނގުރާމައިގެ ސަބަބުން ހާލަތު ވަރަށް ގޯސްވެފައި ވާ ސީރިއާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވާއިރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އިގުތިސާދީ ދަތިކުރުންތަކަކީ އެއްވެސް ހާލެއްގައި އިންސާނީ އެހީތެރި ކަމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.

ސީރިއާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އދ. އިން ގިނަ މަޝްވަރާތަކެއް ކުރަމުން އަންނައިރު، އިނގިރޭސިވިލާތުން ވަނީ އިގުތިސާދީ ގޮތުން ދަތިކުރަން ސީރިއާއަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދީ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް ހަ މަހަށް ހުއްދަ ދިނުމަށް ނިންމާފައެވެ. މި ހުއްދަ ދެމިއޮންނާނީ ފެބްރުއަރީ 15 އިން އޯގަސްޓް 15 އަށެވެ.

ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އދ. އިން ފޮނުވި އެހީގެ ފުރަތަމަ ޝިޕްމަންޓް އެ ގައުމަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މީގެ އިތުރުން ރަޝިޔާ، އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އަންނަނީ ސީރިޔާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ފާއިތުވި 100 އަހަރުގެ ތެރޭގައިވެސް ތުރުކީއަށް އައި އެންމެ ބާރުގަދަ މި ބިންހެލުމުގައި އެ ގައުމާއި ސީރިއާއިން 40،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު މިއަދަދު އަދިވެސް އިތުރުވެގެން ދާނެ ކަމަށް ރެސްކިއު ޓީމުތަކުން ވަނީ ލަފާކޮށްފައެވެ.