އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގަމުން އައި ޓެރިފް މުޅިން ކަނޑާލުމާ ގުޅިގެން، ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބި، މަސްވެރިންގެ އަތުން މަސް ގަންނަ އަގުތައް އުފުލެން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ވޭތުވެދިޔަ 14 އަހަރު ދުވަހު ކުރެވުނު މަސައްކަތުން ނުވި ކަންތައް މި ސަރުކާރުން ހާސިލުކޮށް، ޔޫކޭގެ ބާޒާރުން ޓެރިފް ކަނޑާލުމާއެކު ރާއްޖޭގައި މަސްގަތުމުގެ ހަގީގީ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަށް އަންނަމުންދާ މުހިންމު ބަދަލުތައް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އަމިއްލަ ކުންފުނިތަކުންނާ މިފްކޯއިން މިހާރު މަސް ގަންނަނީ ވާދަވެރި އަގުތަކެއްގައި ކަަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުން ކިލޯއެއް 21 ރުފިޔާ އާއި 22 ރުފިޔާ ދެމެދުގެ އަގެއްގައި ގަންނަމުންދާއިރު، 20 ރުފިޔާއަށް ވުރެ ދަށްނުކޮށް މަސް ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ އެންމެ ބޮޑު ބަޔަކީ ޔޫކޭއަށް ބޭރުކުރާ މަސްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޕައުންޑުގެ މަސްބޭރުކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަހަށް އެންމެ އެކަށީގެންވާ އަގު ހޯދައިދިނުމަށްޓަކައި ވެލިއު އެޑް ކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން، ދަޅުގައި މަސް ބަންދުކުރުމުގެ ގާބިލުކަން ދުވާލަކު 50 ޓަނުން 300 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިފްކޯގައި މަސް ރައްކާކުރެވޭ މިންވަރު 9,000 ޓަނުން 25,000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް އާ ދިރުމެއް ލިބި، އޭގެ ސީދާ މަންފާ މަސްވެރިންނަށް މިހާރު ލިބެން ފަށާފައިވާ ކަމަށެވެ.
