އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް، ހ. ވައިޓްޑައިމަންޑް، ޖަމީލާ އަލީ ހާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ޖަމީލާ އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޖަމީލާ އަކީ ހާރިޖީ ދާއިރާގައްޔާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މޭ 2012 ގައި އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައެވެ. އަދި 2015 ވަނަ އަހަރު ބަހްރައިންގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮ ހިއުމަން ރައިޓްސްގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވިއެވެ.
މީގެއިތުރުން، މާޗު 2017 ގައި ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅި ފުރަތަމަ ރެޒިޑެންޓް ސަފީރުގެ ގޮތުގައި ހިދުމަތް ކުރައްވާފައި ވަނީ ވެސް ޖަމީލާ އަލީ ހާލިދެވެ. ސަފީރުކަމުގެ ދައުރުގައި ޖަރުމަނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެތެރޭގައި "ޕިކް މޯލްޑިވްސް" ޕިކްޗާ ސްޓޯރީބުކް އަދި މަޓާޓޯ މެގަޒިން ލޯންޗުކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ޖަރުމަން ބަސް ކިޔަވައި ދިނުމާ ގުޅޭގޮތުން ވެސް އޭނާ މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.
ސިޔާސީ ދާއިރާއަށް ބަލާއިރު، ޖަމީލާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު ޕީޕީއެމްގެ ސެނެޓްގައި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަކަށް ވެސް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.
