ގިނިސް ވޯލްޑް ރެކޯޑްސް ބުނާގޮތުން ނަމަ އެއްމާބަނޑު ދެބެއިން (އައިޑެންޓިކަލް ޓުވިންސް) އަށް 100 ވަނަ އުފަން ދުވަހާ ހަމައަށް ދުނިޔޭގައި ހުރެވުމުގެ ޗާންސް އޮންނަނީ ކޮންމެ 700 މިލިއަނަކުން އެއް ފަހަރު އެވެ. އެހެންވެއްޖެނަމަ މި ޓްވިންސް އަކީ ވަރަށް ނަސީބުވެރި ބައެކެވެ.

އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ އެރާ ލަކީ ޑެނިއަލް އާއި ވެރާ ރޯޒިއާ އަކީ ވެސް އައިޑެންޓިކަލް ޓްވިންސްއެކެވެ. ދެމީހުންގެ 99 ވަނަ އުފަންދުވަސް މިދިޔަ ހަފްތާގައި ވަނީ ވަރަށް ކުލަގަދަކޮށް ރަހުމަތްތެރިންނާއި އާއިލާ އާއެކު ފާހަގަ ކޮށްފައެވެ. އެރާ ބުނީ 99 އަހަރު ވަންދެން އޭނާ އަށް ދުނިޔެ ފެނި ދަސްވެއްޖެ ކަމަށާއި އެހާ ދުވަސްވަންދެން މާބޮޑު ބަލިމަޑުކަމެއް ނެތި ދުނިޔޭގައި ހުރެވުމުން ޝުކުރުވެރިވާ ކަމަށެވެ. އަދި މާމަ ދަރިންނާއި މުނިމާމަ ދަރިންގެ އިތުރުން ހޫރު މާމަ ދަރިން ފެނި އެމީހުން އުރާލުމުގެ ނަސީބު ލިބި އެކުދިން ބޮޑުވާ މަންޒަރު ފެނުމަކީ އެންމެ ބޮޑު އެއް ހިތްހަމަޖެހުންކަމަށެވެ.

އެރާ އާއި ވެރާގެ ދަރިން ބުނީ އުމުރު ދެބައިވެގެން ދިޔައިރު މަންމަ ދުނިޔޭގައި ހުރެ އެމީހުންނަށް ހިދުމަތްކޮށްދިނުމުގެ ނަސީބު ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ. ދުނިޔޭގެ ރެކޯޑް ފޮތުގައިވާ ގޮތުން މިހާތަނަށް ދުނިޔޭގައި އުޅެފައިވާ އެންމެ އުމުރު ދިގު އައިޑެންޓިކަލް ޓުވިންސް އަކީ ޖަޕާނުގެ އުމޭނޯ ސުމިޔާމާ އާއި ކައުމީ ކޮޑާމާ އެވެ. އެމީހުން މަރުވީ އުމުރުން 107 އަހަރާއި 300 ދުވަހުއެވެ. އެ މީހުން އުފަންވީ 1913 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.