ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި އޮތް އިރު، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ ހަލަބޮލިވާން ފަށާފައެވެ. ސިޔާސީ ގޮތުން ވާދަކުރާ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ކޯޅުންގަނޑުގެ އަޑުތައް ގަދަވަމުން އަންނަ މި ދުވަސްވަރުގައި ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސިޔާސީ ޕަޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސަކީ މިވަގުތު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދާނެ ކޮންފަރެންސަކަށް ވާނެ ކަން ޔަގީނެވެ.
ޖޭޕީގެ ކޮންފަރެންސް މި މަހުގެ 23 އިން 26 އަށް ބާއްވަން ނިންމައި، އެ ޕާޓީގެ 148 ވަނަ ކައުންސިލުން ބައްދަލުވުމުގައި ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވާއިދު އިސްލާހުކުރަން ހުށަހެޅިއެވެ. އެހެންނަމަވެސް ލީޑަރުގެ މަގާމު އުވާލާކަށް ފާހެއް ނުވިއެވެ.
'ދަ ޕަރެސް' މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެހިގެން އައި ބައްދަލުވުމުގައި ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލަން ނިންމަައި އެ ނިންމުން ރަސްމީކުރަން ކޮންފަރެންސްގައި ވޯޓަށް އަހަން ނިންމާފައެވެ. މި ނިންމުމާއެކު ޖޭޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު ދެމި އޮންނާނީ ކޮންފަރެންސް އާ ހަމައަށެވެ. އެ މަގާމު އުވާލުމުން ދެން ޖޭޕީގައި ހުންނާނީ އެ ޕާޓީގެ ލީޑަރު އިތުރުން 4 ޑެޕިއުޓީ ލީޑަރުންނެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލްގައި ދެން ނިންމި މުހިންމު އަނެއް ނިންމުމަކީ، ލީޑަރު، ލީޑަރުގެ ގޮތުގައި ދެމި ހުރުމާއި ނައިބު ލީޑަރުންގެ އަދަދު 5 އަށް އިތުރު ކުރުމެވެ.
ޖޭޕީގެ ކޮންފަރެންސަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައި ވާ އިރު، އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަ އޮތެވެ. މިހާތަނަށް ރާއްޖޭގައި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފުންނާބު އުސް އެއް ބޭފުޅަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވުމާއި ޖޭޕީގައި މެންބަރުން ތިބި އަދަދުން ގާސިމްގެ ކޮންމެ ނިންމެވުމަކީ އާންމު ވޯޓަށް އޭގެ އަސަރު ކުރާ ކަމަކަަށް ވެއެވެ. ސިޔާސީ ޕާޓީ އުފެދި މިވީހާތަނަށް ރާއްޖޭގެ ކުރި ކޮންމެ ވެރިކަމެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގުޅިވަޑައިނުގަންނަވާ ސަރުކާރެއް ނެތެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މީގެ ކުރިން ގާސިމް ވިދާޅުވެފައި އޮތް ނަމަވެސް އެ ޕާޓީގެ އެތެރޭގައި ވެސް ކޯޅުން ވަރަށް ބޮޑެވެ. އެ ގޮތުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ އެ ޕާޓީގައި ދެމިތިއްބެވި ދެ ސިޔާސީ ލީޑަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެ ޕާޓީން ވަކިވެވަޑައިގެން އެމްއެންޕީގެ ނަމުގައި ސީޔާސީ އާ ޕާޓީއެއް އުފެއްދެވި މަންޒަރެވެ.
އެމްއެންޕީ އުފެދިގެން ދިޔަ އިރު ގާސިމް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީ އުފެއްދި މެންބަރުންނަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވެފައި ވަނީ ޖޭޕީން ނިކުމެ ބަޔަކު ގޮސް މަސައްކަތްތަކެއް ކުރާތަން ފެނިވަޑައިގަތީމާ އުފާ ކުރައްވާ ކަމަށާއި އެފަދަ ހިތްވަރެއް ލިބޭނީ ޖޭޕީގެ ތެރެއިން އެފަދަ ތަރުބިއްޔަތެއް ލިބިފައި ވާތީ ކަމަށެވެ.
މިހާރު ޖޭޕީގައި ތިއްބެވި ލީޑަރުންގެ ތެރެއިން ވެސް ޖޭޕީ ކަންބޮޑުވާ ފަދަ ނިންމުންތައް ނިންމަވަމުންދާ މެންބަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ފައިސަލް ނަސީމް ދާދި ފަހުން އިއުލާން ކުރެއްވި ހަބަރަކީ ވެސް ޖޭޕީއަށް ބޮޑު ލޮޅުމެއް ގެނުވި ކަމެކެވެ. އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. ފައިސަލް މިހެން ވިދާޅުވެފައި ވަނީ، ޖޭޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ބުނެ، އަދި ރިޔާސީ ކެންޑިޑޭޓަކު އިއުލާން ނުކުރަނީޙެވެ.
ހަމައެއާއެކު އެމްޓީސީސީގެ ސީއީއޯ މަގާމުގައި ހުންނެވި އާދަމް އާޒިމަކީ އެމްއެންޕީގެ ލީޑަރު ނާޒިމްގެ ކޮއްކޮ އަށް ވުމުގެ އިރުރުން ޖުމްހޫރި ޕާޓީގެ މެންބަރެކެވެ. އޭނާ ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަން ހާމަ ކުރައްވާފައެވެ.
މި ވެރިކަން ފެށިގެން އައި އިރު، ޖުމްހޫރީ ޕާޓީ ތަމްސީލު ކުރެއްވި ގިނަ މިނިސްޓަރުންތަކެއް ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގެން ނަމަވެސް މިއަދާ ހަމައަށް އައިރު ކެބިނެޓަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާ ގުޅިގެން މަގާމުން ވަކިކޮށްފައެވެ.
ހަމައެއާއެކު 2020 ގައި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ދަތި ދުވަސްވަރުގައި ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމަށް ކުރި މަސައްކަތުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލަ ފެނމަތިވެފައި ވަނިކޮށް ޖޭޕީއަށް ނިސްބަތްވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަގާކުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މިނިސްޓަރުކަމުން ވަކި ކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި އޮއްވައެވެ.
މީގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި މުހައްމަދު މަލީހް ޖަމާލްގެ މައްޗަށް މަޖިލީހުން ވަނީ އިތުބާރު ނެތްކަމަށް ނިންމައި މަގާމުން ވަކިކޮށްފައެވެ. އެ ގޮތަށް ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައި ނުވުން ފަދަ މައްސަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެއަށްފަހު މަލީހް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް ނިންމަން ހަމަޖެހިފައިވާ ކޮންފަރެސް ފަށަން ހަފްތާއަކަށް ވެފައިވާ އިރު، ޖޭޕީން ދެމިއޮންނާނީ ރައީސް ސޯލިހްގެ ކޯލިޝަނާ އެކުތޯ ގިން ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ސަރުކާރުން މަގާމުތަކެއް ލިބުނަސް ސޯލިހް އާ އެކު ގާސީމް ކޯލިޝަން ހެއްދެވުމުން ލިބިވަޑައިގަތީ ކެއްސެވެ. "ހިރް ފުރޭ ވަރެއް" ނުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ކޮންފަރެންސްގައި ޕޭޖީގެ މުހިއްމު ނިންމުންތަކެއް ހިމެނޭ އިރު އޭގެތެރޭގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި އެހެން ޕާޓީއަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަމެކެވެ.
ޖޭޕީގައި ބަހައްޓަންވީ ކިންގަކާއި ކުއިނެއް