"އެއް އުންމަތެކޭމީ"ގެ ނަމުގައި ސީރިޔާއާއި ތުރުކީއަށް އެހީވާން ކެމްޕެއިނެއް ފަށައިފިއެވެ.

މިދިޔަ ހަފްތާގެ ހޯމަދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގަ އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

'އެއް އުއްމަތެކޭ'ގެ ނަމުގައި ފަށާ ކެމްޕޭނުގައި 14 ޖަމިއްޔާ ބައިވެރިވާއިރު އައިއޭސީގެ އިތުރުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އާއި ދިވެހި އިލްމުވެރިން ކަމުގައިވާ ޑރ. އިލްޔާސް އިބްރާހިމާއި ޑރ. މުހައްމަދު އިޔާޒުގެ އިތުރުން ވެސް ގިނަ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެ ކެމްޕެއިން ލޯންޗު ކުރުމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝައިހް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ކެމްޕެއިންގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަކީ މުސްލިމުން ކަމުގައި ވީހިނދު އަދި އުންމަތުގެ ބަޔަކަށް އެހާ ބޮޑު ކާރިސާއެއް ދިމާވި ހިނދު އޭގައި ބައިވެރިވުން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ފަންޑް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ހިތްވަރު ބާރު ދިނުމަކީ މި ކެމްޕެއިންގެ މަގްސަދު ކަމަށާއި ބިންހެލުމުގެ ސަަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލީ ގޮތުން ރާއްޖޭގެ ރައްޔިތުންގެ އެހީތެރިކަމަށް އެދި ގޮވާލުމަކީވެސް އެ ކެމްޕެއިންގެ މަގްސަދެއް ކަމަށެވެ.

އެ ކެެމްޕެއިންގެ ދަށުން މާލެ އާއި ހުރިހާ ރަށެއްގައި ވެސް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ކޮންމެ މިސްކިތެއް ކައިރީގައި ވެސް ފަންޑު ފޮށިތައް ބެހެއްޓުމަށާއި އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ވެސް ފަންޑު ފޮށިތައް ބަހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް އެ ކެމްޕޭނާ މެދު ހޭލުންތެރިކުރުމަށް ވަނީ ނިންމާފައެވެ.

މި ޓީމުގެ އިތުރުން "ހިދުމަތް" ޖަމިއްޔާއިން އިސްނައިގެންވެސް ހުކުރު ދުވަހު ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެ ހަރަކާތުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ބ. ފެހެންދޫ، ބ. ހިތާދޫ، ރ. އުނގޫފާރުގައިވެސް ހަރަކާތްތަކަށް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

އެކަމުގެ މައުލޫމާތު "ދަ ޕްރެސް" ހިއްސާކުރަމުން އެ ޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ އަހުމަދު ފައިސަލް ވިދާޅުވީ މާލޭގެ އާޓިފިޝަލް ބީޗާއި ރަސްފަންނުގައި ފަންޑު ފޮށި ބެހައްޓަން ނިންމާފައިވާ ކަމަށާއި ހުޅުމާލެ ފޭސް 2 ގެ ބަސް ސްޓޮޕް ކައިރީގައާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ވެސް ފަންޑް ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގައި ފަންޑް ފޮށި ބަހައްޓަނީ ހަތަރު ރަށެއްގައެވެ. އެ ރަށްތަކުގެ ތެރެއިން އުކުޅަހުގެ ހަރަކާތްކުރިއަށް މުއައްސަސާތައް ގުޅިގެން މާދަމާ ހަވީރުގެ ސަޔަކާއެކު ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެހެން ރަށްތަކުގައި އެ ހަރަކާތް ކުރިއަށްގެންދާނީ ހުކުރު ދުވަހު ހަވީރު 3:45 އިން ރޭގަނޑު 10 ޖެހުމާ ހަމައަށް ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އެ ހަރަކާތްތަކުން ލިބޭ ފައިސާ އައިއޭސީއާ ހަވާލުކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމާފައިވާ ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށްދާއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރުފިޔާ ފޮނުވޭނީ އައިއޭސީގެ އެކައުންޓަށް ކަމަށެވެ.

އުރީދޫއިން ވެސް ވަނީ އެމް ފައިސާ މެދުވެރިކޮށް އެ ދެ ގައުމަށް އެހީވުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.