ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ "މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް" (އެމްޓީޕީޓީއޭ) އަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 1 އޯގަސްޓް އިން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މޭލުގަލެއް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކަށައެޅުއްވި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ 4 ނޮވެމްބަރު 2024 ގައެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކަށް ހާއްސަ ލުއިތަކެއް ލިބި، އަމިއްލަ ވިޔަފާރިތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ވަނީ 75 ބާވަތެއްގެ މުދަލަކުން ޓެރިފް ލުއިތަކެއް ދިނުމަށް އެއްބަސްވެފައެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީވިލާތުގެ 85 މިލިއަނަށްވުރެ ބޮޑު މާކެޓުގައި ވާދަވެރި އަގުތަކެއް ލިބި، އެކްސްޕޯޓް އިތުރުކުރުމަށް މަގުފަހިވާނެއެވެ.

ހަމައެއާއެކު، ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ މަތީ ފެންވަރުގެ އުފެއްދުންތަކާއި ކޮންމެހެން ބޭނުންވާ މުހިންމު މުދާ ލުއި ޓެރިފްތަކެއްގެ ދަށުން އެތެރެކުރުމުގެ ފުރުސަތު ލިބި، ރާއްޖޭގެ އިގްތިސާދީ ދާއިރާތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި، ބައިނަލްއަގްވާމީ މާކެޓްތަކުގައި ދިވެހި އުފެއްދުންތަކަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކުރައްވާފައެވެ.