ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ހެދި ގާނޫނުގެ ދަށުން ދައުވާކުރަން އަދި ފޮނުވިފައިނުވާ ކަމަށާއި، ނަމަވެސް ލަސްތަކެއް ނުވެ ބައެއް މީހުންނަށް ދައުވާކުރަން ފޮނުވޭނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައި ވަނީ 2021 ގައެވެ.

އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހަކަށް ދައުވާކޮށްފައި ވޭތޯ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ފުލުހުންގެ ތަހްގީގުތަކަށް، އަދި އެއް ތަހްގީގުގެ ތެރެއިން އަނެއް ތަހްގީގުގެ ފެންނަ މައްސަލަތަކުގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ކުރެވުނު ތަހްގީގުގެ ތެރެއިން ފާހަގަކުރެވުނު ބައެއް "މުހިންމު ފަރާތްތަކުގެ" މުއްސަނދިކަމާ ގުޅުންހުރި ކަންކަން ބަލަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް އަދި މިހާތަނަށް ދައުވާކޮށްފައި ނުވާ ކަމަށާއި، އެކަމަކު ތަހްގީގުތައް ހިންގި، ލަސްތަކެއް ނުވެ ދައުވާކުރަން ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ:

  • ދައުލަތުގައި މީގެ ކުރިން ވަޒީފާ އަދާކުރިއިރު، ނުވަތަ ކުރަމުންދާއިރު ލިބެމުން ދިޔަ އާމްދަނީ އާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް
  • އޭނާގެ އާއިލާ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކުރުމަކީ ކުށެއް
  • އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކުރީ ނުވަތަ މުދާ މިލްކުކުރީ ގާނޫނާ އެއްގޮތަށްކަން ސާބިތުނުކުރެވޭ ނަމަ އެއީ ކުށެއް

އޭގެ އިތުރުން، އެ އިސްލާހުގައިވާ ގޮތުން، ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ވެރިކަމުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ބޭފުޅެއް ކަމުގައިވާ ނަމަ އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްގެން ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެކެވެ.