އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން ތެޔޮ ބޯޓަކުން ގެއްލުނު މައްސަލާގައި ހައްޔަރުކުރި އެ ބޯޓުގެ ކެޕްޓަން ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) އަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފިއެވެ.

އެކަން ކަށަވަރުކޮށްދެއްވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ އެ މައްސަލަ މިއަދު ބަލައިގެންފައިވާ ކަމަށާއި ވަރަށް އަވަހަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި އެ ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެ މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތެވެ.

އެ ދެމީހުން ހޯދަން ކުރި މަސައްކަތުން މާލެ ތެރޭގައި ނިޒާމް އުޅޭ ކަަމުގެ މައުލޫމާތު މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ލިބިފައިވާއިރު އެ ދުވަހު ވަނީ ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ވެސް ފެނިފައެވެ. އަދި އޭގެ އަނެއް ދުވަހު ނިޒާމް ހައްޔަރުކޮށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

އެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވާއިރު ނިޒާމް ހައްޔަރުކޮށްފައިވަނީ އެ ހަށިގަނޑާ ގުޅިގެންނެއް ނޫނެވެ. ނިޒާމް ހައްޔަރުކުރީ ފިލައިގެން އުޅުނު ކަމުގެ ތުހުމަތުގައާއި ލިޓަންގެ ގެއްލުނު ކަމުގެ ތުހުމަތުގައެވެ.

ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގި ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑުކަމެއް އަދި ނޫން ކަމެއްވެސް ތަހުގީގީ މަރުހަލާވުމުން ހާމައެއް ނުކުރެއެވެ.