ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލެޓްވިއާއަށް ނިސްބަތްވާ، އުމުރުން 49 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަން އާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މީހާ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ފަހުން ރާއްޖެ އަންނަ ބިދޭސީން އަދި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހާ ހައްޔަރުކޮށްފައިވާއިރު ދާދި ފަހުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ހިފައިގެން އައުމުން ވަނީ ޑީޕޯޓް ކޮށްލާފައިފައެވެ. ކަސްޓަމްސް އިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވްވެފައިވާ ކަަމަށް ކަސްޓަމަސް އިން ބުނެފައިވާއިރު އެ ތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުއްޓެވެ.

އެމީހާ ޑީޕޯޓުކޮށްފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުން ޑީޕޯޓު ކޮށްލެވޭ ގަވައިދުގެ ދަށުންނެވެ. އެ ގަބައިދު ޝާއިއު ކޮށްފައި ވަނީ ނިމިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.