ޓޫރިޒަމް މިނިސްޓްރީ އަށް ދައްކަން ނުޖެހޭ ފީ އެއް ދެއްކި ކަމަށް ގަބޫލުކުރެވޭ ނަމަ، ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް، މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އާންމުންގެ އަތުން ފީ އާއި ޓެކްސް ނެގޭނީ ކަނޑައެޅިފައިވާ މިންވަރަށް ކަމަށް ގާނޫނުއަސާސީގައި އޮންނައިރު، ކުންފުނިތަކުގެ ހިއްސާ ބަދަލުކުރާއިރު ޓޫރިޒަމް މިނިސްޓްރީ އަށް އެއްލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން އެންމެ ބޮޑު އަދަދަކީ 10،000 ޑޮލަރު ކަމަށް އޮތް ނަމަވެސް، އެއަށް ވުރެ ބޮޑު އަދަދެއް ޓޫރިޒަމް މިނިސްޓްރީން ނަގަމުންދާ ކަމަށް ވިދާޅުވެ، އެ މުއާމަލާތް ހުއްޓާލާނީ ކޮން އިރަކުންތޯ ނޫނީ އެގޮތަށް ނަގާފައިވާ ފައިސާ އަނބުރާ ލިބޭނެތޯ އާޒިމް ވަނީ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ކުރިން އެފަދަ ފީތައް ނަގަމުން ދިޔަ ނަމަވެސް، މިނިސްޓްރީން އެފަދަ ފީތައް މިހާރު ނުނަގާ ކަމަށާއި، ކުންފުނިތަކުގެ ހިއްސާ ބަދަލުކުރާއިރު ޓޫރިޒަމް މިނިސްޓްރީގައި އަހަން މިހާރު ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ގާނޫނަށާއި ގަވައިދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ހައްގެއް ގެއްލިފައިވާ ނަމަ، ރަނގަޅު ގޮތަކީ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް މައްސަލަ ހައްލުކުރުމެވެ.