ބޭސް ފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދު ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.

ކުއްލި މައްސަލައިގައި ޝިޔާމް މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ ވަކި ގައުމަކާ މެދު ވަކި ގޮތަކަށް ހިޔާލު ފާޅުކުރާ ވަކިވަކި ދިވެހިންނަށް އަމާޒުކޮށް އަދަބު ދިނުމުގެ ސަބަބުން ދިމާވާ ކަންކަމުގެ މައްޗަށާއި، އެކަމާ މެދު ފިޔަވަޅު ނޭޅިއްޖެ ނަމަ ދިމާވާނެ ކަންކަމަށެވެ.

އެ މައްސަލަ އަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ ބައިވެރިވި 45 މެންބަރުންގެ ތެރެއިން ހަ މެންބަރުންނެވެ. ބާކީ މެންބަރުން ވޯޓު ދެއްވީ ބަހުސްކުރަން ނުފެންނަ ކަމަށެވެ.

މިއަދު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލިއިރު، ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް ރާއްޖެ އަށް އަނބުރާ ފޮނުވާލި އަބްދުއްސަމަދު އިއްޔެ މެންދުރުފަހު ރާއްޖެ އައިސް "ޗެނަލް 13" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާގެ ސަރުކާރުން ހޯދަން ބޭނުންވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، 18 ވަރަކަށް ގަޑިއިރު އެއްވެސް ސުވާލެއް ނުކޮށް ބޭންދުމަށް ފަހު، އޭނާ ކުށްވެރިވެފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނި ކަމަށާއި އިންޑިއާ އަށް އެރުމާއި އިންޑިއާގެ ތެރޭގައި އުޅުން އޭނާއަށް މަނާ ކަމަށެވެ. އަދި ޖަލަށް ދާން ޖެހޭ ކަމަށް ބުނެ ފޯނު އަތުލިއިރު، ހެޔޮ އެދޭ ފަރާތްތަކަށާއި އެހެނިހެން ފަރާތްތަކަށް މެސެޖު ފޯރުކޮށްދީފައިވާނެ ކަމަށް އަބްދުއްސަމަދު ބުންޏެވެ.

ހަމަ އެއާއެކު، އަބްދުއްސަމަދުގެ ކުށް ބުނެދެވިފައި ނުވާ ކަމަށާއި، ހަމައެކަނި ކުށަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުން ކަމަށް ބުންޏެވެ. އޭނާ ބުނީ ކޮންމެ ގޮތެއް ހެދިޔަސް ވެސް ޔާމީނަށް ތާއީދުކުރާނެ ކަމަށެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވާ އަދި އިންޑިއާ އާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.