ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމަށް ފަހު ރައީސަކު އައްޔަން ކުރަން އެ ޕާޓީ އިން މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ފާހެއް ނުވިއެވެ.
ޖޭޕީގެ ކޮންފަރެންސް މި މަހުގެ 23 އިން 26 އަށް ބާއްވަން ނިންމި، އެ ޕާޓީގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރަން ނިންމާފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރަން މިއަދު ފާހެއް ނުވެއެވެ.
ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކަމަށް ވާއިރު އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީންވެސް އަންނަނީ ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް އެ ޕާޓީން ނިކުންނާނީ ކޯލިޝަނަކާއެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ގައުމީ ކޮންފަރެންސްގައި ކަމަށް ވާއިރު އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް ނިންމާނީ މި ކޮންފަރެންސް ގައެވެ. އެގޮތުން ޖޭޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި އެހެން ޕާޓީއަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފައިނަލް ނިންމުން ނިންމާނެއެވެ.
ޖޭޕީއިން ވަނީ އެ ޕާޓީގެ ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި، ރަށްރަށާއި ސިޓީތަކުގައި ހަދާފައިވާ އެ ޕާޓީގެ ގޮފިތަކުގެ ތެރެއިން އިންތިހާބު ބޭއްވިފައި ނުވާ ހުރިހާ ގޮތްޕެއްގެ އިންތިހާބުތައް ބާއްވައި، މައި އޮފީހަށް އަންނަ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. އެމްޑީޕީން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.