ރާއްޖޭގައި ކެސިނޯ އަޅަން ހުއްދަ ނުދެވޭނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކެސިނޯ އަކީ އިސްލާމްދީނުގައި ކުރުން ހުއްދަ ވިޔަފާރިއެއް ނޫން ކަމުން ކެސިނޯ އަޅަން ހުއްދަ ނުދެވޭނެ ކަމަށެވެ.

ރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ދީފައިނުވާނެ ކަމަށާއި، ނަމަވެސް ޝަރުތެއްގެ ދަށުން ޣައިރު މުސްލިމުންނަށް ރަލާއި އޫރު މަސް ވިއްކުމަށް ހުއްދަ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ހުއްދަ އަކީ ރިސޯޓު މުވައްޒަފުންގެ ގޮތުގައި ތިބޭ ދިވެހިން އެފަދަ މަސައްކަތުގައި ނޫޅުމަށް ޝަރުތުކޮށް މީގެ ކުރިން ދޫކޮށްފައިވާ ހުއްދައެއް ކަމަށް، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ރިސޯޓުތަކުގައި ރަލާއި އޫރު މަސް ވިއްކުން ފަދަ މަސައްކަތުގައި ދިވެހިން އުޅޭކަން ފާހަގަކުރެވެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއް ދިވެހިން ރާ ބޯކަން ވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ތަންތަން ހިންގުމުގެ ހުއްދަ ނުދެނީ ކީއްވެތޯ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ވެސް ޖާބިރު މަޖިލީހުގައި މީގެ ކުރިން ސުވާލުކުރައްވާފައި ވެއެވެ. ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފް މީގެ ކުރިން ވިދާޅުވީ، އެކަމާ ބެހޭ ގޮތުން ވާހަކަ ދެކެވި ގޮތްތަކެއް ހޯދެން އެބަ ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން މަހްލޫފަށް ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވެ، އެ މައްސަލައިގައި އޭނާ އެންމެ ފަހުން ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން ވެސް ކެސިނޯ އެޅުމާ ބެހޭ ގޮތުން ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވާފައިވާއިރު، އެ ވާހަކަތަކަށް ބައެއް މެންބަރުން އޭނާ އަށް މީގެ ކުރިން ރައްދު ދެއްވާފައިވެއެވެ. އަދި އެ މައްސަލައިގައި އާންމުންގެ ފާޑުކިއުންތައް ވެސް އޭނާ އަށް އަމާޒުވެފައިވެއެވެ.