ކޮވިޑަށް ފަހު ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވަމުން އަންނަ އިރު ރާއްޖެއަށް ފަތުރުވެރިން އައުމުގެ ރިކޯޑެއް އިއްޔެ މުގުރާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އިއްޔެ ރާއްޖެއަށް 8028 ޓޫރިސްޓުން އައިސްފައި ކަމަށާއި މިއީ 2020 ވަނަ އަހަރު ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަަމަށެވެ. އިއްޔެ ހާސިލްވި ރިކޯޑާ ގުޅިގެން އެ މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ މި ކާމިޔާބީއަށް ޓްރެވަލް އެންޑް ޓުއަރިޒަމް އިންޑަސްޓްރީގެ ޕާޓްނަރުންނާއި ހުރިހާ ސްޓޭކް ހޯލްޑަރުންނަށް މަރުހަބާ ކިޔާފައެވެ.

މިއަދަދާ އެކު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ، 240،621 އަށް އަރާފައެވެ. މީގެ ތެރޭގައި ޖެނުއަރީ މަހު ރާއްޖެ އައި 172،536 ފަތުރުވެރިންނާއި ފެބްރުއަރީ މަހުގެ ފުރަތަމަ 11 ދުވަސް ތެރޭ ރާއްޖެއަށް އައި 68085 ފަތުރުވެރިން ހިމެނެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ ވަނީ، 182،087 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ރަޝިއާއިންނެވެ. އެގައުމުން 30،983 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ، 26،235 ފަތުރުވެރިންނާއެކު އިންޑިއާއެވެ. އަދި މީގެ ތިން ދުވަސް ކުރިން ތިންވަނައިގައި އޮތް އިޓަލީ ފަހަތަށް ޖައްސާލައި އެ މަގާމު ހޯދާފައި ވަނީ ޔޫކޭއެވެ. ޔޫކޭއިން ރާއްޖެއަށް 22،600 ފަތުރުވެރިން އައިސްފައިވާ އިރު، އިޓަލީން މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ 21،949 ފަތުރުވެރިންނެވެ..

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،840 އެނދު ހުރިއިރު އޭގެތެރޭގައި 168 ރިސޯޓުގައި ހުރި 41،049 އެނދު، 893 ހޮޓާ އަދި ގެސްޓްހައުސްގައި 15،890 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި ހުރި 2901 އެނދު ހިމެނެއެވެ.

އިއްޔެ 8028 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި މަހުގެ އެހެން ދުވަސްތަކުގެ ހިސާބުތަކަށް ބަލާއިރު، އާންމުގޮތެއްގައި މި މަހު ފަތުރުވެރިން އައިސްފައި ވަނީ ދުވާލެއްގެ މައްޗަށް 5500 އާއި 6800 އާ ދެމެދުގެ އަދަދަކަށެވެ. އެންމެ ފަހުން މި ރެކޯޑް މުގުރާލައި ވަނީ 7000 ފަތުރުވެރިން ރާއްޖެއަށް އެއް ދުވަހެއްގައި ޒިޔާރަތްކޮށް މިދިޔަ ޑިސެމްބަރު މަހުއެވެ. އިއޔްެ އައި 8028 ފަތުރުވެރިންނާއެކު ކުއްލިއަކަށް އެ އަދަދު މައްޗަށް ގޮސްފައިވާ ވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގިނަވަމުން ދާތީ ކަމަށް ބެލެވެއެވެ.

ހަނީމޫން ޑެސްޓިނޭޝަންއެއްގެ ގޮތުގައި އެންމެ ކަމުދާ މަންޒިލަކަށް ގިނަ ފަތުރުވެރިން ރާއްޖެ ސިފަ ކުރާ އިރު، ކޮންމެ އަހަރެއްގެ ވެސް އާއަހަރާއި، ވެލަންޓައިންސް ޑޭ އާއި، ކްރިސްޓްމަސް ދުވަސް ވަރަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ދުވަހު ވެސް ފަތުރުވެރިން އަންނަ މިންވަރު މައްޗަށް ދިޔުން އެކަށީގެން ވެއެވެ.