ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކު ހަމަޖައްސައިފިއެވެ.
ޖޭޕީއިން ބުނީ ނިހާނު އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މިއަދުން ފެށިގެން ނިހާނު އަކީ އެޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށޭވެ.
އެ މަގާމަށް ނިހާން ހަމަޖެއްސި އިރު ނިހާނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެއް ދައުލަތުން ކުރިއެވެ. އެ ހަ ދައުވާގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް މިމަހުގެ 23 އިން 26 އަށް ބާއްވަން ނިންމާފައި ވާއިރު އެ ކޮންފަރެންސް ގައި މުހިއްމު ބަދަލެއްގެ ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހު ކުރަން ހަމަޖެހިފައި ވެއެވެ. ނަމަވެސަ އެ ބަދަލު ގެންނަން ނިންމާފައި ވާއިރު މިހާރު އެ މަގާމުގައި ހުރީ ޖިންސީ ގޯނާގެ ތުހުމަތު ވެފައި ވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާ މަގާމުން ވަކި ނުކުރާ އިރު، އާ ރައީސަކު އިސްކުރަނީތޯ ނުވަތަ އެއް ރައީސަށް ވުރެ ގިނަ ރައީސުން ތިބެނީތޯ ސާފެއް ނުވެއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީންވެސް ތައްޔާރު ވަމުން ދާއިރު، އެ ޕާޓީން ނިކުންނާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ގައުމީ ކޮންފަރެންސް ގައެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް ނިންމާނީ މި ކޮންފަރެންސް ގައެވެ. އެގޮތުން ޖޭޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި އެހެން ޕާޓީއަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފައިނަލް ނިންމުން ނިންމާނެއެވެ.
ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. އެމްޑީޕީން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ނިހާނު ތީ ކައިރީގަ ގެންގުޅެލަންވެސް ހޔޮވާވަރު މީހެއްނޫން