ދިވެހިންގެ ތެރޭގައިވެސް ފެތުރިފައި އޮތް ހުޅަނގުގެ ސަގާފަތެއް ކަމުގައިވާ ވެލަންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހު، ލޯބިވެރިންނާ އެކު އުޅުމުގެ ބަދަލުގައި ގެރީގައި ބައްދަން އިންޑިއާގެ އެނިމަލް ވެލްފެއާ ޑިޕާޓުމަންޓުން ގޮވާލައިފިއެވެ.
އެ ޑިޕާޓުމަންޓުން މިކަމަށް ގޮވާލައި ބުނީ، ވެލަންޓައިންސް ޑޭ ގައި ގެރީގައި ބެއްދުމުން ހިންދޫންގެ ގައުމިއްޔަތު މާބޮޑަށްވެސް ދިރިގެން ދާނެ ކަމަށާއި ހުޅަނގުގެ ސަގާފަތާ ހުރު ގައުމިއްޔަތު ނެތިގެން ދާ ކަމަށެވެ. އެހެން ކަމުން އެ ދުވަހު ގެރިތަކުގައި ބައްދާ ލޯބި އިތުރު ކުރުމަށް އެ ޑިޕާޓުމަންޓުން ވަނީ ގޮވާލާފައެވެ.
ޖަނަވާރުގެ ރައްކާތެރިކަމާ ބެހޭ އެ ޑިޕާޓުމަންޓުން އެކަމަށް ގޮވާލައި އާންމު ކުރި ބަޔާނާ ގުޅިގެން އިންޑިއާގެ މުޅި ސޯޝަލްމީޑިއާ ވަނީ ފާޑުކިޔުންތަކުން ފުރާލާފައެވެ.
މި ގޮވާލުމާ ގުޅިގެން އިންޑިއާގެ ޒުވާނުން އަދި ތައުލީމީ މުޖުތަމައުގެ ތެރޭގައި އެކަން ބޮޑު ހަޖުލަކަށް ހަދާފައި ވައިރު، އިންޑިއާގެ ދީނީ ޖަމާއަތްތައް ކަމަށް ވާ ޝިވް ސެނާ އާއި ބަޖްރަންގް ދާލް ފަދަ ޖަމާއަތްތަކުން ބުނެފައި ވަނީ ގެރީގައި ބެއްދުމުން ރޫހާނީ ގޮތުންނާއި ނަފްސީ ގޮތުން ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދާނެ ކަމަށެވެ.
ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގައިވެސް ޒުވާނުންނާއި އެނޫންވެސް ގިންތިފުރާތަކުގައި ވެލަންޓައިންސް ޑޭ ފާހަގަ ކުރުމަށް ރައްޓެހިންނާއި ލޯބިވެރިންނާ އެކު ޕާކްތަކާއި ރެސްޓޯރަންޓްތަކާއި އެނޫންވެސް މެހެފިލް (ހަފްލާ) ތަކުގައި ބައިވެރިވެ އުޅެއެވެ. ނަމަވެސް ފާއިތުވި ގިނަ އަހަރުތަކުގައި، ވެލަންޓައިންސް ޑޭ ފާހަގަ ކުރަން އުޅުނު ފަރާތްތަކަށް ހިންދޫންގެ ހަރުކަށި ޖަމާއަތްތަކުން ހުރަސް އަޅާ، ރެސްޓޯރަންޓްތަކުން މީހުން ނެރެ، ޕާކުތަކަށް ވަދެ ފުރައްސާރަ ކޮށް، ވެލަންޓައިންސް ޑޭ އާ ގުޅޭ ތަކެތި ވިއްކާ ފިހާރަތަކުން އެތަކެތި ނެރެ ވީދާ، އަންދާ ހަދާފައި ވެއެވެ.
1.4 ބިލިއަންގެ އާބާދީއެއް އޮންނަ އިންޑިއާގައި 80 ޕަސެންޓަކީ ހިންދޫންނެވެ. އިންޑިއާގެ މިހާރުގެ ސަރުކާރަކީ ހިންދޫ ވިސްނުން ނުވަތަ ގައުމިއްޔަތު ކުރިއަރުވާ ސަރުކާރެއްގެ ގޮތުގައި ފާހަގަ ވެފައި ވާ އިރު ހިންދޫންގެ ގަބޫލުކުރުންތައް ކުރިއަށް ނެރުމަކީ ފުޅާ އެޖެންޑާއެކެވެ.
އިންޑިއާގައި މުސްލިމުންގެ ޕަސެންޓަކީ 14 އެވެ. ދެން އުޅެނީ ކްރިސްޓިއަނުންނާއި ސިއްކީންނާއި ބްޑިސްޓުންނާއި ޖައިންސް އެވެ.
ގެރިއަކީ އިންޑިއާގައި ކަލާނގެއެއް ކަމަށް ބަލައިގެން އަޅުކަން ކުރާ އެއްޗަކަށް ވާއިރު ބައެއް ސަރަހައްދުތަކުގައި ގެރީގެ ދަރަޖައަކީ އަމިއްލަ މައިމީހާގެ ދަރަޖައެވެ. އެހާ ބޮޑު ގަދަރެއް އެމީހުން ދޭ ޖަނަވާރެއްގެ ގައިގާ ބެއްދުމަށް ހިއްވަރު ދޭ އިރު، ގެރި މަސް ކެއުމާއި މެރުން ފަދަ ކަންކަމަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މުޅިން މަނާވެސް ކަންތައްތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، ގެރިމަސް ކާ ކަމަށް ތުހުމަތުކޮށް ނުވަތަ ގެރިއަށް އިހާނެތިކޮށް ހަދާކަމުގެ ތުހުމަތުގައި ހިންދޫ ހަރުކަށި ޖަމާއަތްތަކުން، 2012 އިން 2018 އާ ދެމެދު 45 މީހަކު މަރާލާފައިވެސް ވެއެވެ.
މި ހިނގާ ފެބްރުއަރީ 14 ވާ އަންގާރަ ދުވަހު އެންމެން މަގުތަކަށް ނިކުމެ ގެރީގައި ބައްދާ ލޯބި އިތުރު ކުރަން ވެލްފެއާ ޑިޕާޓުމަންޓުން ގޮވާލާފައި ވުމުން އާންމުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ، "ނަސީބު ދެރަނަމަވެސް ދެން މިހާރު ގެރީގައި ބައްދަން އަންގާނެ ވުޒާރާއެއް އެބަހުރި" ކަމަށާއި، އެއީ ތާކުންތާކު ނުޖެހޭ ބޯގޯސް ކަމެއް ކަމަށެވެ.