މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމުން އާންމު ކުރި ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުންގައި ރާއްޖެއަށް މިމަހު 7 ވަނަ ދުވަހާ ހަމައަށް 214،985 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އައި ޖެނުއަރީ މަހު 172،536 ފަތުރުވެރިން، އާއި ފެބްރުއަރީ މަހުގެ ފުރަތަމަ 7 ދުވަސް ތެރޭ ރާއްޖެއަށް އައި 42،449 ފަތުރުވެރިން ހިމެނެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮދާށް އވަނީ އިތުރުވެފައެވެ. އެ ގޮތުން އެ މުއްދަތުގައި މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ، 163،684 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެގައުމުން 27،960 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ، 23،422 ފަތުރުވެރިންނާއެކު އިންޑިއާއެވެ. އަދި ތިން ވަނައިގައި އޮތީ 20،513 ފަތުރުވެރިންނާ އެކު އިޓަލީއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،840 އެނދު ހުރިއިރު އޭގެތެރޭގައި 168 ރިސޯޓުގައި ހުރި 41،049 އެނދު، 893 ހޮޓެލް، ގެސްޓްހައުސްގައި 15،890 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2901 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރު ފަތުރުވެރިން އަންނަން ފެށުމެވެ. މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުން ޗައިނާ އޮތީ 8 ވަނައިގައެވެ.