އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވިލިފުށި ދާއިރާއިން 70 ޕަސެންޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ރައްދުދެއްވައިފިއެވެ.

ޣަފޫރު މިފަދައިން ވިދާޅުވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވި ދައުލަތުގެ އޮފީސްތަކައި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައެވެ. ބަހުސް ކުރިއަށް ދިޔަ ވަގުތު ރިޔާސަތު ބަލަހައްޓަމުން ގެންދެވީ އަފީފެވެ.

ޣަފޫރު ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެލާނާ ބިލްޑިން އިމާރާތްކުރި ފަހުން އޮފީސް އިމާރާތް ހިނގަން އިމާރާތެއް ހެދީ މި ސަރުކާރުގައި ކަމަށާއި މިދިޔަ ހުރިހާ ސަރުކާރަކުން އެކަމަށް ދެއްކީ ވާހަކަ ކަމަށެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅުވާ ޣަފޫރު ވިދާޅުވީ މީގެ 3 އަހަރު ކުރިން ރަނގަޅުވި ސަރުކާރު މިހާރު ގޯސްވެގެން ވާހަކަ ދައްކާއިރު ކުރެވުނު ރަނގަޅު ކަމެއް ނުފެންނަ ކަމަށާއި އިންތިހާބަކުން ބަލިވުމުން ކާމިޔާބު ލިބުނު މީހާގެ ފަހަތަށް އެރުމަކީ ޕާޓީގެ އުސޫލު ކަމަށެވެ. އަދި ފަހަތަށް ނާރާ އަމިއްލައަށް މަޖިލީހުގައި ތިބެގެން އެއްޗެހި ކިއުމުން އަމިއްލައަށް އޮރިޔާވާން މަގުމައްޗަށް ނިކުތަސް މާ ރަނގަޅު ވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަފީފުވެސް މަޖިލީހުގައި އިންނަވައިގެން މަސައްކަތް ކުރައްވަނީ ސަރުކާރަށް އެއްޗެހި ގޮވާ ޕްލެޓު ފޯމަކަށް މަޖިލީސް ހަދަން ކަމަށެވެ.

އެހާ ހިސާބުން މިއަދުގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ގިނަ މެންބަރުންތަކެއްގެ ނަން އިއްވާފައި ވާއިރު ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.

ހައްގުތައް ފޭރި ގަތުމުގައި އަފީފުވެސް ހުންނެވީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިވަޑައިގެން އެކަން ކުރައްވަން ތައްޔާރަށް ކަމަށް ވިދާޅުވެ ޣަފޫޒު ވަނީ އެ އުމުރުގައި އެފަދަ ހަޑިކަންތައް ކުރެއްވީމައި ވަރަށް ހަޑިވާނެ ކަމަށް ވިދާޅުވެފައެވެ.

"ތި އުމުރުގައި ތިޔަ ޒާތުގެ ހަޑިކަންތައް ކުރެއްވީމަ ވަރަށް ހަޑިވާނެ އަޅުގަނޑުމެންނަށް ވަރަށް އޮޅޭ ކަންތައްތައް މަނިކުފާނު ތި ކުރައްވާ ކަންތައްތަކުން ދާއިރާއަށް 75 ޕަސެންޓް ދެއްވާފައި މަނިކުފާނު ތިޔަ ހުންނަވަނީ އަނެއް ކޮޅުގައި ވިއްކާލެއްވީތޯ. މަނިކުފާނުގެ ދާއިރާ ވިއްކާލެއްވީތޯ"
ޣަފޫރު

ޣަފޫރު ވިދާޅުވީ އަޅަން ޖެހޭ އިމާރާތްތައް އެ ދަނީ ވަރަށް ފުރިހަމައަށް އެޅެމުން ކަމަށާއި ކަންކަން ރަނގަޅަށް ދަންޏާ ހިތަށްވެސް ދަތިވާނެ ކަމަށާއި ރާއްޖޭގެ ރަށްތަކުގައި ދަނީ 40 އަހަރުން ނުކުރެވި ހުރި ކަންކަން ކުރަމުން ކަމަށެވެ.

"ހިތަށްވެސް ތަދުވާނެ. މެޔަށްވެސް ތަދުވާނެ. ދެން ގައިގެ އެހެން ތަންތަނަށްވެސް ދަތުވާނެ އެކަމު ކުރާނެ ކަމެއް ނެތް"
ޣަފޫރު

ޣަފޫރު އިތުރަށް ވިދާޅުވީ ނުނިމި ހުރި މަސައްކަތް ނިންމަން 4 ވަނަ ގިއަރުގައި މަސައްކަތް ކުރާނެ ކަމަށާއި މިއީ ރިޔާސީ އިންތިހާބުގެ އަހަރު ކަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބޮޑު ތަނުން ނަގާ މަންޒަރު ފެނި އަފީފުގެ ލޮލުން އަންނަ ކަރުނަ މާ ގިނަވާނެ ކަމަށެވެ.