ސީރިއާގެ އަލެޕޯއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވި މާބަނޑު އަންހެނެއް ކަމަށްވާ އަފްރާ ވިހެއުމަށް ފަހު ރެސްކިއު ވޯކަރުން އޭނާއާ ހަމައަށް ދިއުމުގެ ކުރިން މަރުވެއްޖެއެވެ.

ސީރިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ބިންހެލުމުގައި ވެއްޓުނު ފަސް ބުރީގެ އިމާރާތެއްގެ ދަށުވި މާބަނޑު އަންހެން މީހާ ވިހެއީ ގާކުނޑިތަކުގެ ތެރޭގައެވެ. ނަމަވެސް އުފަންވި އަންހެން ކުއްޖާ ވަނީ ސަލާމަތް ވެފައެވެ. ސަލާމަތް ކުރާ މީހުން ދިޔައިރު ވެސް އެ ކުއްޖާގެ ފޫޅު، މަރުވެފައި އޮތް މަންމަގެ ހަށިގަނޑާ ވަކިނުވެ އޮތް ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ރެސްކިއު ޓީމުން އެ ކުއްޖާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ވައިރަލް ވަމުންނެވެ. ސީރިއާގެ ވޮލަންޓިއާ އޯގަނައިޒޭޝަނަކުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ކަތުމާ އަވަށަށް އައި ބިންހެލުމުގެ ގާކުނޑިތަކުގެ ތެރެއިން ކުޑަ ކުއްޖަކު ދިރި އޮއްވާ ނަގާ މަންޒަރެވެ. ފުނޑުފުނޑުވެފައިވާ ފަސް ބުރީގެ އިމާރާތުގެ ދަށުން އެ ތުއްތު ކުއްޖާ ނަގައިގެން ފިރިހެނަކު ދުވެފައި ދާ މަންޒަރު ފެނެއެވެ. އަދި އެހެން ފިރިހެނަކު އޭނާގެ ފަހަތުން ފެހި ކުލައިގެ ބްލޭންކެޓެއް ހިފައިގެން ދާ މަންޒަރު ވެސް ފެނެއެވެ.

އެ ސަރަހައްދާ ކައިރީގައި އޮންނަ އަފްރީން ނަމަކަށް ކިޔާ އަވަށަކަށް ފަރުވާ ދިނުމަށް އެ ކުއްޖާ ގެންގޮސްފައިވާ އިރު، އެ ކުއްޖާގެ ވާއަތް އޮތީ ބެންޑޭޖް ކޮށްފައެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ހާނީ މައުރޫފް ވިދާޅުވި ގޮތުގައި އެ ކުއްޖާގެ ވައިޓަލްސް މޮނިޓާ ކުރަމުން ދާ ކަމަށާއި އަދިވެސް އިނގިލިތައް ހުރީ ފިނިކަމުން ނޫފައިގެންފައެވެ. އެ ތުއްތު ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން އިރުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ކުއްޖާގެ ބުރަކަށީގައި ޒަހަމްތަކެއް ހުރި ތަން ފެނެއެވެ. ބެލެވެނީ އެއީ އެކުއްޖާ އުފަންވި ތަނުން އެ ކުއްޖާގެ ގައިގާ ލީ ޒަހަމްތަކެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ބިންހެލުމުގައި އިމާރާތުގެ ދަށުވި މާބަނޑު އަންހެން މީހާ، އަފްރާ ވިހެއި ތުއްތު ކުއްޖާގެ ބުރަކަށީގައި ހުރި ޒަހަމްތައް

އެ ތުއްތު ކުއްޖާގެ ބޮޑު ދައިތަ ބުނި ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އެތައް ގަޑިއިރެއް ވަންދެން ހޭދަކުރީ އެ ތުއްތު ކުއްޖާގެ ބައްޕަ އަބްދުالله އާއި މަންމަ އަފްރާ އާއި އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާއި ކާފަގެ ހަށިގަނޑު ހޯދުމަށެވެ. އިއްޔެ ބޭއްވި ޖޮއިންޓް ޖަނާޒާގެ ކުރިން އެ އާއިލާގެ މެންބަރުންގެ ހަށިގަނޑު ބޭއްވީ ޖެހިގެން ހުރި ތިމާގެ މީހެއްގެ ގޭގެ ބިއްދޮށުގައި ހުރި ކޮޓަރިއެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފަނޑު އަލިކަމެއް ހުރި އެ ކޮޓަރީގައި ފުރާނަ ނެތް ހަށިތަކަށް ބާއްވާފައި އޮތް އިރު ބަލަހައްޓައިގެން ހުރެ އެ ތުއްތު ކުއްޖާގެ ބޮޑުދައިތަ ވަނީ އެމީހުން ދެނެގަތުމާ އެކު އެ އާއިލާ އެންމެންގެ ނަންތައް ލިސްޓުކޮށް ކިޔައިދީފައެވެ. އެ ތުއްތު ކުއްޖާއަކީ އެ އާއިލާގެ ތެރެއިން ސަލާމަތްވި ހަމައެކަނި ކުއްޖާ ކަމަށާއި، ބާކީ ތިބި އެންމެން ވެސް މަރުވެފައި ވަނީ ސީރިއާ އާއި އަވަށްޓެރި ތުރުކީއަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ކަމަށް ވެސް ބޮޑު ދައިތަ ބުނެފައި ވެއެވެ.

ބިންހެލުމުގައި އިމާރާތުގެ ދަށުވި މާބަނޑު އަންހެން މީހާ، އާއި އޭނާގެ އާއިލާގެ ޖަނާޒާގެ ތެރެއިން

އޭއެފްޕީގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެ އާއިލާ ދިރިއުޅުނު ގެއަކީ ބިންހެލުމުގެ ސަބަބުން ޖިންދައިރިސްގައި ފުނޑުފުނޑުވި 50 ގޭގެ ތެރެއިން ގެއެކެވެ. އެ ބިންހެލުމާ ގުޅުގެން އައި ގިނަ އާފްޓާ ޝޮކްތަކުގައި ސީރިއާ އާއި ތުރުކީގައި މަރުވި މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

12 އަހަރުގެ އަނިޔާވެރި ދާހިލީ ހަނގުރާމައަށް ފަހު މިހާރުވެސް ރެފިއުޖީންގެ މައްސަލަ ކުރިމަތިވެފައިވާ ސީރިއާއަށް ވަނީ ހާއްސަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ބާރުގެ ދަށުގައި ވާ ސަރަހައްދާއި ތުރުކީގެ ބޯޑަރު އޮންނަ އަދި ސީރިއާ ސަރުކާރުގެ ސިފައިން ވަށާލާފައިވާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް އޮފިޝަލުން ވިދާޅުވީ ހޯމަ ދުވަހު އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކަށް އިޖާބަ ދިނުމުގެ ވަރުގަދަ ގާބިލްކަން ތުރުކީގައި އޮތް ނަމަވެސް ސީރިއާއަށް އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. މިހާދިސާ އާ އެކު ތުރުކީ ހުއްޓުމަށް އައިސްފައި ވާއިރު، ހަނގުރާމަ އާ ހެދި ސުންނާފަތިވެފައިވާ ސީރިއާގެ ހާލަތު ވަކިން ގޯހެވެ.